ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅުގެ ފުރިހަމަ މައުލޫމާތު ލިބެންދެން މިރޭ ފެށި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާ ނިންމާ ނުލައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މިރޭ ބާރުގަދަ އެއްޗެއް ގޮއްވާލައި ދެވުނު ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން އެ ހަމަލާ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަމުގައި ވަނީ ކުށްވެރިކުރައްވައިފައެވެ.

ރައީސް ނަޝީދަށް ލިބިފައިވާ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގެ މަލްޓި ސްޕެޝަލިސްޓުންގެ ޓީމަކުން ފަރުވާދެމުން އަންނަކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ޑޮކްޓަރުން މައުލޫމާތު ދެއްވާ މިންވަރަކުން ހިއްސާ ކުރައްވާނެ ކަމަށެވެ.

"ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބެންދެން އަޅުގަނޑު ގަސްތުކުރަނީ މި ޖަލްސާ ނިންމާނުލައި ކުރިއަށް ގެންދަން،" އޭނާ ވިދާޅުވިއެވެ.

އެ ޖަލްސާގައި މިރޭ މެންބަރުންނަށް ބަހުސް ކުރުމުގެ ފުރުސަތު ނުދެއްވި ނަމަވެސް ޖަލްސާ ނިންމައިނުލައްވާނެ ކަމަށް އީވާ ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުންނާއި ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ލިބޭ މިންވަރަކުން ހާމަކުރައްވާނެ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

"މިވަގުތު ޖަލްސާ މެދުކަނޑާލާނަން. އަދިވެސް އެއްފަހަރު ތަކުރާރުކޮށްލާނަން މި ޖަލްސާ ނިންމައެއް ނުލާނަން. އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންްބަރުން ޖަލްސާގައި ތިއްބަވަން. މެދުކަނޑާލި ކަމުގައި ވިޔަސް އަޅުގަނޑުމެން މި ޖަލްސާ ނިމުމަކަށް ނުގެންނާނަން،" އީވާ ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިން އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ، މައްސަލައާ ގޫޅޭ އިތުރު ކްރިޓިކަލް މައުލޫމާތެއް ލިބިއްޖެ ނަމަ ޖަލްސާ ފައްޓަވާނެ ކަމަށެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރިން ދިން އެ ހަމަލާގައި ސައިކަލެއް ގޮވާފައިވާ އިރު، ރައީސް ނަޝީދުގެ އިތުރުން ސިފައިންގެ ތިން މީހަކަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ރައީސް ނަޝީދަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވި ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.