ރ. މަޑުއްވަރީގައި ބޭއްވޭ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް، ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން ޓީމު ވާލު އަދި އެފްސީ ރުއްގަނޑު މޮޅުވެއްޖެއެވެ.
މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް އޭގައި އެފްސީ ރުއްގަނޑުން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެޓީމުން ވަނީ ފުރަތަމަ މެޗުގައި އެފްސީ ޔުނައިޓެޑް އަތުން ބަލި ވެފައެވެ. އެ ބައްޔާއެކު ސެމީގެ އުންމީދު އާކުރުމަށް ރޭގެ މެޗު ރުއްގަނޑަށް އޮތީ ވަރަށް ބޮޑަށް މުހިއްމުވެފައެވެ.
ރޭ އެފްސީ ރުއްގަނޑުން ހޯރަ ކަންމަތި ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ހޯރަ ކަންމައްޗަށް ސެމީގެ އުންމީދު ގެއްލިފައިވާއިރު، ދެން ގްރޫޕްގައި ހިމެނޭ ތިން ޓީމަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ރުއްގަނޑުން ދެ މެޗު ކުޅެ ތިން ޕޮއިންޓް ހޯދާފައިވާއިރު، ދެން ތިން ޕޮއިންޓާއެކު އޮތް އެފްސީ ޔުނައިޓެޑާއި ބީބީ ނިއުޖެނެރޭޝަން މިހާތަނަށް ކުޅުނީ އެންމެ މެޗެކެވެ.
ރޭ ކުޅުނު މެޗުގައި އެފްސީ ރުއްގަނޑުގެ ގޯލްތައް ޖެހީ އަބްދުލްﷲ ރާޝިދާއި، އާދަމް ހަފީޒްގެ އިތުރުން ހަނޫން މޫސާއާއި މުހައްމަދު އަގުލީމެވެ. ހޯރަ ކަންމަތީގެ ހަމައެކަނި ގޯލް ޖެހީ އަހުމަދު ސިމާއުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ރުއްގަނޑުގެ އިސްމާއީލް ރަފްހާންއެވެ.
ގްރޫޕް ބީގައި މިހާތަނަށް ޓީމް ވާލުން ކުޅެފައިވާ ދެ މެޗުންވެސް މޮޅު ވެ، ހަ ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެ ގްރޫޕްގެ ދެވަނައިގައި ރޭ ވާލުން ބަލިކުރި އެފްސީ ލައިކަންސް އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކުގައެވެ. ގްރޫޕްގައި ދެން ހިމެނޭ އެފްސީ ކޮންފިޑޭންސް އާއި ވިދާބަބުޅާ، ކޮންމެ ޓީމަކުން މިހާތަނަށް މެޗެއް ކުޅެފައިވާއިރު، އަދި އޮތީ މޮޅެއް ނުލިބިއެވެ.
ރޭ ޓީމް ވާލު ކުޅުނު މެޗު އެޓީމު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ވާލުގެ ގޯލްތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ނާހާއާއި ހުސައިން އިރްފާހް އަދި ހުސައިން ޝަރީފެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު ދެ މެޗު މިރޭވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ވިދާބަބުޅާ އާއި އެފްސީ ކޮންފިޑޭންސް ވާދަކުރާއިރު، ދެވަނަ މެޗުގައި ބީބީ ނިއު ޖެނެރޭޝަން ނުކުންނާނީ އެފްސީ ޔުނައިޓެޑާ ދެކޮޅަށެވެ.
މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ ކުޅުން ހޯމަ ދުވަހުގެ ރޭ ފަށާފައިވާ އިރު، ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށްވެސް ފައިސާގެ އިނާމު ހުށަހެޅިފައިވާ އިރު، މުބާރާތުގެ ގުރޫޕު ސްޓޭޖު މެޗުތަކަށްފަހު ކުޅެން ހަމަޖެހިފައިވަނީ ސެމީ ފައިނަލް މެޗުތަކެވެ.
ކޮންމެ ގުރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕު އޭގެ އެއްވަނަ ޓީމާއި ގުރޫޕު ބީގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީ ފައިނަލުގައި ގުރޫޕު ބީގެ އެއްވަނަ ޓީމާއި ގުރޫޕު އޭގެ ދެވަނަ ޓީމު ކުޅޭ އިރު، މުބާރާތް ކުރިއަށް ގެންދިއުމުގައި އެޗްޕީއޭގެ އުސޫލުތަކާއި މިންގަނޑުތަކަށް ސަމާލުކަން ދޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ފުޅު އިންވެސްޓްމަންޓް އަދި ރާނީ ޓުއާސްއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ބްލޫޕްރިންޓް ހަބްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު