ގިނަ ދިވެހީންގެ މެދުގައިވެސް މަގުބޫލުވެގެން ދިޔަ ގޭމް އޮފް ތުރޯންސް ނިމުމާއެކު ގޭމް އޮފް ތުރޯންސްގެ ޕްރިކުއެލް އެޕިސޯޑުތަކެއް އުފައްދަން އުޅޭކަމުގެ ހަބަރު ވެގެން ގޮސްފައި ވަނީ ފޭނުންނަށް އުފާވެރި ހަބަރަކަށެވެ.

ގޭމް އޮފް ތުރޯންސްގެ 6 ޕްރިކުއެލް ސީރީސް އުފައްދާ 1 ތިއޭޓްރިކަލް ޝޯއެއް ހެދުމަށް ވަނީ ނިންމާފައެވެ. މި ޕްރިކުއެލްގެ ފުރަތަމަ ބައި ''ހައުސް އޮފް ދަ ޑްރެގަން'' އަންނަ އަހަރު ރިލީސްކުރުމަށް ހަމަޖެހިފައިވާއިރު، ހައުސް އޮފް ދަ ޑްރެގަންގެ ވާހަކަ ބިނާކުރެވިފައިވަނީ ގޭމް އޮފް ތުރޯންސްގައި ދައްކައިދޭ ހާދިސާތަކުގެ 300 އަހަރު ކުރިން ފެށިގެން ވެސްޓެރޯސް އަށް ނިސްބަތްވާ ޓާގޭރިއަން އާއިލާގެ މައްޗަށެވެ.

އެޗްބީއޯ އިން މި ޕްރިކުއެލްގައި ފެނިގެންދާނެ ބައެއް މުހިއްމު ކެރެކްޓާތަކުގެ ފޮޓޯތައް ބުދަ ދުވަހު ރަސްމީކޮށް ނެރެފައި މިވަނީ ޕަޕަރާޒީން ޔޫކޭގެ ސެޓްތަކުން ބައެއް ފޮޓޯތައް ލީކުކޮށްލާފައި ވަނިކޮށެވެ.

ގޭމް އޮފް ތުރޯންސްގެ ވާހަކަ އޭގެ 300 އަހަރު ކުރިއަށް ޖެހިލާފައިވާއިރު ހައުސް އޮފް ދަ ޑްރެގަން އިން ފެނިގެންދާނެ މުހިއްމު ކެރެކްޓާތަކުގެ ތަފްސީލުވެސް އެޗްބީއޯއިން ވަނީ އާއްމުކޮށްފައެވެ.

ޕްރިންސް ޑޭމަން ޓާގޭރިއަންގެ ރޯލުން މެޓް ސްމިތު އަދި ޕްރިންސެސް ރަނީރާ ޓާގޭރިއަންގެ ރޯލުން އެމާ ޑާސީ ފެނިގެންދެއެވެ. މީގެ އިތުރުން ލޯޑް ކޯލީސް ވެލޭރިއޮން (ސީ ސްނޭކް)ގެ ރޯލުން ސްޓީވް ޓުސޯން ދައްކާލައިފައިވާއިރު، އޮޓޯ ހައިޓަވާގެ ގޮތުގައި ރީސް އިފާންސް އަދި އެލިސެންޓް ހައިޓަވާގެ ގޮތުގައި އޮލީވިއާ ކުކް ވަނީ ދައްކާލައިފައެވެ.

ގޭމް އޮފް ތުރޯންސް ޕްރިކުއެލްގެ ހަ ސީރީސްގެ ތެރޭގައި ހިމެނޭ ހައުސް އޮފް ދަ ޑްރެގަންސް ރިލީސްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ.