ކުޑަކުދީންގެ ހިޔާގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއަކީ ދެ ކުއްޖެއްގެ ދެމެދުގައި ހިންގި ހަމަނުޖެހުމެއްގައި އެއް ކުއްޖަކު ކޮޓަރީގައި ރޯކޮށްލުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނެފައިވާ ގޮތުގައި، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް އެތަނުގެ ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެ ކޮޓަރީގައި ހުރި އަލަމާރި އެނދު، ފަތަ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

މައުލޫމާތު އެނގޭ މީހަކު މިއަދު "ވަން" އަށް ބުނީ، ކުޑަކުދީންގެ ހިޔާގެ އެއްވަނަ ބުރީގައި ހުންނަ އެ ކޮޓަރީގައި ރޯކޮށްލީ ކަމަށާއި އެކަން ހިނގީ ދެކުއްޖެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ. އެ ދެކުދީން ހެނދުނު 9:30 އެހާއިރު ކުޑަކުދީންގެ ހިޔާއަށް އައީ ވެސް ބޭރުގައި އުޅެފައި ކަމަށާއި އެއިރުވެސް އެ ދެކުދީންގެ އައީ "ކޯޅެމުން" ކަމަށެވެ. އަދި އެއައި ގޮތަށް ކުޑަކުދީންގެ ހިޔާއަށް ވަނުމަށް ފަހުވެސް އެ ދެކުދިންގެ ދެމެދުގައި ހަމަނުޖެހުން ތަކެއް ހިންގި ކަމަށާއި އެއް ކުއްޖަކު އަނެއް ކުއްޖާގެ ގައިގައި ރޮށި ދަމާ މަޅުގަނޑަކުން ޖަހާން ވެސް ދުވި ކަމަށެވެ. މި ހަމަނުޖެހުމުގެ ތެރޭގައި އެއިން އެއް ކުއްޖަކު ސަލާމަތް ހޯދަން ގޮސް ވަނީ ވިލިމާލޭގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ކަމަށް ވެސް "ވަން" އާ ވާހަކަދެއްކި މީހާ ބުންޏެވެ.

"ދެން އެ ވަގުތު ކުޑަކުދީންގެ ހިޔާގައި ހުރި ކުއްޖާ ދުވެފަ ގޮސް ބަދިގެއަށް ވަދެ، ފޮތިގަނޑެއް ނަގައިގެން ގޮސް އެއްވަނަ ބުރިއަށް އަރައި އެ ކޮޓަރީގައި ރޯކޮށްލީ. އެ ކޮޓަރިއަކީ އަނެއް ކުއްޖާ ނިދާ ކޮޓަރި. މި ވަގުތު އެ ކޮޓަރީގައި އުޅެނީ ވެސް އެކުއްޖާ އެކަނި ކަމަށް ހަބަރު ލިބެނީ. އެކަމަކު އެހެން ބައެއް ކުދީންގެ އެއްޗެހި ވެސް އެ ކޮޓަރީގައި ހުންނަ ކަމަށް ވޭ." ވަން އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ ކުއްޖާ ފޮތިގަނޑު ހިފައިގެން މައްޗަށް އެރި މަންޒަރުވެސް ބައެއް މީހުން ދުށް ކަމަށެވެ. އަދި އެ ކުއްޖާ ތިރިއަށް ފައިބައި، ކޮންމެވެސް ކަމެއް ކުރި ވާހަކަ އާއި ބަލަން ދޭ ބަލާށޭ ވެސް ބުނި ކަމަށް ވާހަކަ ދެކެވޭ ކަމަށާއި ދެން މީހުން ގޮސް ބެލި އިރު މުޅި ކޮޓަރީގައި ރޯވެ އަނދަމުން ދަނީ ކަމަށް ވެސް ބުންޏެވެ.

މި ކަމާ ގުޅޭ ގޮތުން ފުލުހުންނަށް ގުޅުމުން ބުނީ މައުލޫމާތު ދޭނީ ޖެންޑާ މިނިސްޓްރީން ކަމަށެވެ. ޖެންޑާ އަށް ގުޅުމުން ފުރަތަމަ ބުނީ ބަލާފައި ހަބަރެއް ވާނެ ކަމަށެވެ. ހަބަރެއް ނުވެގެން މި ވާހަކަތަކުގެ ތަފުސީލާ އެކު ގުޅުމުން ފަހުން ވިދާޅުވީ ކުޑަކުދީންގެ ހިޔާގައި ޖެންޑާގެ ޓީމެއް މިހާރު ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި އިތުރު އެއްވެސް މައުލޫމާތެއް ދެއްވެން ނެތް ކަމަށެވެ.

ކުޑަކުދީންގެ ހިޔާގައި މާރާމާރީ ހިންގުމާއި މަސްތުވާ އެއްޗެހި ބޭނުން ކުރުމާއި އެތަނުގެ ކުދީން ވެސް ބޭރުގައި އުޅުމާ އެކު މުޅި ތަން ބޮއްސުން ލާފައިވާ ކަމުގެ އަޑުތައް މި ފަހަކަށް އައިސް ވަނީ ގަދަ ވެފަ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި ފަހަރު ހަމަނުޖެހުން މި ހިނގި ދެ ކުދީންނަކީ ވެސް ނަފުސާނީ މައްސަލަ ހުންނަ ދެކުދީންނެވެ.