ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ ސްކޫލުތައް ބަންދުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ސްކޫލުތައް ބަންދުކުރުމުގެ ވާހަކަތައް ދެކެވެމުން އަންނަ ކަމަށާއި އެކަމާމެދު ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަމަށެވެ.

"އެވާހަކަތައް ދެކެވެމުން އެބަދޭ. ވަރަށް އަވަހަށް އެޗްޕީއޭ މެދުވެރިކޮށް އެކަން ހިއްސާކުރާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލުތައް ބަންދުކުރުމުގެ މަޝްރާތައް ފަށާފައިވާ އިރު، މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑުގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި ހަފުތާގައި ރާއްޖެއިން އެވްރެޖުކޮށް ކޮންމެ ދުވަހަކު 300 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އިއްޔެއަކީ ރާއްޖެއިން ރެކޯޑު އަދަދަކަށް ކޮވިޑު ކޭސް ފެނުނު ދުވަހެކެވެ. އެއީ 508 ކޭސްއެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަޝްވަރާތައް ކުރާނެ ކަމަށް ވިދާޅުވެފައެވެ.