މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިނގި އޮޕަރޭޝަން ތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން އެއް އޮޕަރޭޝަނަކީ ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދާ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅަކާއި ހަތް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، މި މައްސަލާގައި 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންނެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި މައްޗަންގޯޅި ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ދެ ސެލޯފިންކޮޅާއި، ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން 24 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އިތުރު އޮޕަރޭޝަނެއްގައި މާފަންނު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި، 18 ސެލޯފިންކޮޅާއި، 84 ރަބަރު ޕެކެޓު ފެނުނު މައްސަލައާ ގުޅިގެން 22 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަތަކާ ގުޅިގެން އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު 24 އަހަރުގެ މީހާއާއި 29 އަހަރުގެ މީހާގެ އިތުރުން 22 އަހަރުގެ ފިރިހެން މީހާއަށް ދީފައިވެއެވެ. އަދި 22 އަހަރުގެ އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތުދީފައިވާ ކަމަށްވެސް ފުލުހުން ބުނޏެވެ.