ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ދެ ރަށެއްގެ ވޯޓުފޮށީގައި މައްސަލަތަކެއް ދިމާވެގެން އެ ދެ ރަށުގައި އަލުން ވޯޓުނެގުމަށް އީސީން ވަނީ ނިންމާފަ އެވެ. އެއީ ލ. މާވަށާއި ތ. ގާދިއްފުއްޓެވެ.

މި ދެރަށުގައި އަލުން ވޯޓުލާން ނިންމާފައިވަނީ އެ ވޯޓު ފޮށިތަކަށް ދާއިރާ ނޫން ބަޔަކު، އޮޅިގެން ވޯޓުލާފައިވާކަން ސާބިތު ވުމާ ގުޅިގެންނެވެ. ނަމަވެސް ދާއިމީ ނަތީޖާ އިއުލާންކޮށް ނިމުނު އިރު އަލުން އިންތިހާބު ބާއްވަން ޖެހޭ އިތުރު ދާއިރާތަކެއްވެސް ފާހަގަވެފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އަލުން އިންތިހާބު ބާއްވަން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ކައުންސިލް ދާއިރާތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދާއިރާތައް ހިމެނެ އެވެ. އެގޮތުން ކައުންސިލް އިންތިހާބުގެ ނަތީޖާ އެއްވަރުވުމުގެ ސަބަބުން ހަތަރު ދާއިރާއެއްގެ އިންތިހާބު އަލުން ބާއްވަން ޖެހޭނެ ކަމަށް އީސީން ބުނެފައިވާއިރު އެ ދާއިރާތަކަކީ ހއ. ތަކަންދޫ. ބ. ކިހާދޫ، މ. ރަތްމަންދޫގެ އިތުރުން ފ. ދަރަނބޫދޫ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ނަތީޖާ އެއްވަރުވެގެން އަލުން އިންތިހާބު ބާއްވަން ޖެހޭ ރަށްތަކަކީ، ލ. ކަޅައިދޫ، ހއ. އުލިގަން، ރ. މާކުރަތު، ބ. ކެންދޫ، ނ. މަގޫދޫ، ވ. ފުލިދޫ އަދި ނ. މިލަދޫއެވެ.

މީގެ އިތުރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބޭނުންވާ އަދަދަށްވުރެ މަދުން ހަތް ދާއިރާއަކުން ކުރިމަތިލާފައިވާތީ މި ހަތް ދާއިރާގައިވެސް ވޯޓުލުން މިހާރު ކުރިއަށްދާނެ އެވެ. އެއީ ހދ. ނޮޅިވަރަމް، ހދ. ނޭކުރެންދޫ، ބ. ފުޅަދޫ، ކ. ދިއްފުށި، އއ. ފެރިދޫ، މ. ރަތްމަންދޫ އަދި ވ. ރަކީދޫ އެވެ.

އެގޮތުން މިދާއިރާތަކުގެ ވޯޓުލުން މިއަދު 9:00 އިން ފެށިގެން ހަވީރު 4:00 އަށް ކުރިއަށް ދާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.