މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ތާއި ސްޕައިސީ ރައިސްގެ ރެސިޕީއެވެ.

1 މޭޒުމަތީސަމުސާ ތެޔޮ

2 މޭޒުމަތީސަމުސާ ފިޝް ސޯސް

1 މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)

1 މޭޒުމަތީސަމުސާ ލޮނުމެދު (ކޮށާފައި)

1 ސައިސަމުސާ ލުނބޯތޮށި (ގާނާފައި)

¼ ބަދަން (ކޮށައި އަދި ހަނާކޮށްފައި)

1 މޭޒުމަތީސަމުސާ ބެސިލް (ކޮށާފައި)

1 މޭޒުމަތީސަމުސާ ކޮތަންބިރި ފަތް (ކޮށާފައި)

½ ސައިސަމުސާ އިނގުރު (ކޮށާފައި)

1 ސައިސަމުސާ ރޯމިރުސް (ރަތް މިރުސް، ތުނިކޮށް ކޮށާފައި)

2 ޖޯޑު ހަނޑޫ (ޖޭސްމީން ރައިސް)

3 ޖޯޑު ފެން

ރަހަލާވަރަށް ލޮނު ކޮޅެއް

ތަވައެއްގައި ތެޔޮކޮޅެއް ހޫނުކުރުމަށްފަހު ފިޔާ، ލޮނުމެދު، އިނގުރު، މިރުސްކޮޅު އެއްކޮށް 20 ސިކުންތުވަރު ވަންދެން އުނދުންމަތީ މީރުކޮށްލާށެވެ.

3 ޖޯޑު ފެން އެޅުމަށްފަހު ލޮނާއި އަސޭމިރުސްކޮޅެއް އަޅާލައި ކައްކާލާށެވެ.

ފެންގަނޑު ކެކިގަތުމުން ހަނޑޫކޮޅާއި ފިޝްސޯސް އަޅައި އެއްފަހަރު ހާކާލުމަށްފަހު ކެކެންދެން ބަހައްޓާށެވެ.

މަތިޖެހުމަށްފަހު ގިނިމަޑުކޮށް 20 ވަރަކަށް މިނިޓު ކައްކާލާށެވެ.

އުނދުން ނިވާލުމަށްފަހު މަތި ނުނަގައި 10 މިނިޓުވަރު ބަހައްޓާލާށެވެ.

އެއަށްފަހު ގާނާފައި ހުރި ލުނބޯތޮށި، ބެސިލް އަދި ކޮތަންބިރި ފަތްކޮޅު އަޅާލައި އެއްކޮށްލާށެވެ.

ހަނާކުރި ބަދަންކޮޅެއް މައްޗަށް ބުރުވާލައި، މިރުސްކޮޅަކުން ޑިޝް ގާނިޝްކޮށްލެވިދާނެއެވެ.