މި ރޯދަ މަހަށް ހާއްސަ ކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސް ދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.
ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސް ދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރު ކޮށްދެނީ އެ ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައި ވަނީ ކަޓުލްފިޝް ހޮޓް ބަޓާ ސޯސް ރެސިޕީއެވެ.
250ގ ބޯވަދިލަމަސް ނުވަތަ ކަޓުލްފިޝް (ސާފުކޮށްފައި)
300މލ ތެޔޮ (ކުކިން އޮއިލް)
½ ސައިސަމުސާ ލޮނު
1 ބިހުގެ ލޮނދި
100ގކޯންފްލާ
2 މޭޒުމަތީސަމުސާ ލުނބޯހުތް
1 މޭޒުމަތީސަމުސާ އަސޭމިރުސް
2 މޭޒުމަތީސަމުސާ ބަޓަރު
1 މޭޒުމަތީސަމުސާ ޗިލީޕޭސްޓު
50ގ ކެޕްސިކަމް
1 ޖޯޑު ސްޕްރިންގް އޮނިއަން
2 ހިކިމިރުސް (1 އިންޗިއަށް ބުރިކޮށްފައި)
ބޯވަދިލަމަސްކޮޅު ކުދިކޮށް ކޮށާލުމަށްފަހު ލުނބޯހުތް ފިތާލާ ލޮނާއި އަސޭމިރުސްކޮޅެއް އަޅައިގެން އެއްކޮށްލައި ކުޑައިރުކޮޅަކު މެރިނޭޓުކުރަން ބަހައްޓާލާށެވެ.
އެއަށްފަހު އޭގެ ތެރެއަށް ބިހުގެ ލޮނދިކޮޅު އަޅާލައި އެއްކޮށްލާށެވެ. އަދި ކޯން ފްލާ އަޅާލައި މަސްކޮޅުގައި ރަނގަޅަށް ފުށްކޮޅު ހަރުލަންދެން އެއްކޮށްލާށެވެ. ތަވައެއްގައި ތެޔޮ ހޫނުކޮށްލުމަށްފަހު ބޯވަދިލަމަސްކޮޅު ރަނގަޅަށް ތެލުލުމަށްފަހު ވަކިން ބަހައްޓާށެވެ.
ސްޕްރިންގް އޮނިއަން އަދި ކެޕްސިކަމް 2 އިންޗި ދިގުމިނަށް ތުނިކޮށް ކޮށާލާށެވެ. އުނދުން ޖެއްސުމަށްފަހު ތަވައަށް ބަޓަރުކޮޅާއި ކޮށާފައި ހުރި ސްޕްރިންގް އޮނިއަން، ކެޕްސިކަމް، ހިކިމިރުހާއި ޗިލީޕޭސްޓު އަޅާލައި މީރުކޮށްލާށެވެ. އެންމެފަހުން ބޯވަދިލަމަސް ކޮޅު އެއްކޮށްލުމަށްފަހު މިނިޓެއްވަރު ކައްކާލާށެވެ.
ވަން ރެސިޕީ
ވަން ރެސިޕީ