ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޮޑު ކުރި މުސާރަ ކުޑަކޮށް، ކައުންސިލަރުންގެ މުސާރައިގެ އޮނިގަނޑު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކޮށް، ކައުންސިލަރުންގެ މުސާރަ މުރާޖައާ ކުރުމަށްފަހު މިހާރު ކައުންސިލަރުންނަށް ދޭ މުސާރައަށް ބަދަލު ގަނައުމަށް ޕޭ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައި ވަނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުއެވެ.

އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހަޅައިގެން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ގިނަ ބާރުތަކެއް ކައުންސިލްތަކަށް ދީފައިވާތީއެވެ. އެކަމާ ގުޅިގެން ކައުންސިލަރުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

ޕޭ ކޮމިޝަނުން ހުށަހަޅާފައިވާގޮތަށް މާލިއްޔަތު ކޮމިޓީން ކައުންސިލަރުންގެ އޮނިގަނޑު ފާސްކޮށްފައިވަނީ، ރަށު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި 18،400 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 4،600 ހަމަޖައްސައި، ޖުމުލަ 23،000 ރުފިޔާ ދިނުމަށާއި ރަށު ކައުންސިލުގެ ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 3،400 ރުފިޔާއާއެކު ޖުމުލަ 15،000 ރުފިޔާ ދިނުމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ހުށަހުމަށް ބަދަަލު ގެންނަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވިއެެވެ.

ގަފޫރުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެވެ.

ގަފޫރު ހުށަހެޅުއްވީ، ރަށު ކައުންސިލްގެ ރައީސްގެ މުސާރަ 15400 ރުފިޔާ އިނާޔަތަށް 4600 ރުފިޔާ ހަމަަޖައްސައި ޖުމްލަ 20000 ރުފިޔާ ކަނޑައެޅުމަށެވެ.

ރަށު ކައުންސިލްގެ ނައިބު ރައިސްގެ މުސާރަ 11600 ރުފިޔާ އާއި 3400 ގެ އެލަވަންސާއެކު ޖުމްލަ 15000 ރުފިޔާ ކަނޑައެޅުމާއި، ކައުންސިލް މެންބަރުންގެ މުސާރަ 10600 ރުފިޔާ އެލަވަންސް 2400 އާއެކު ޖުމްލަ 13000 ރުފިޔާ ކަނޑައަޅަން ގަފޫރުގެ ހުށަހެޅުމުގައިވެއެވެ. މަޖިލީހުން މުސާރައިގެ އޮނިގަނޑު ފާސްކުރީ ގަފޫރުގެ ހުށަހެޅުއްވުމާ އެއްގޮތަށެވެ.

އެހެންކަމުން އެހެން ފަރާތްތަކުގެ މުސާރަ ހިމެނިފައިވަނީ ކޮމިޓީން ފާސްކުރި ގޮތަށެވެ. އެއީ އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ 22،400 ރުފިޔާގެ އެލަވެންސްގެ ގޮތުގައި 5،600 ރުފިޔާ ވަނީ ހިމަނައިފައެވެ.

ސިޓީ ކައުންސިލަތަކަށް ކޮމިޓީން މުސާރަ ކަނޑައަޅައި ފާސްކޮށްފައި ވަނީ، މޭޔަރަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށެވެ. ޑެޕިއުޓީ މޭޔަރަށް މުސާރައިގެ ގޮތުގައި 27،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،000 ރުފިޔާ ދޭން ފާސްކުރި އިރު، މެންބަރުންނަށް މުސާރައިގެ ގޮތުގައި 24،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ ދިނުމަށެވެ. މިހާރުވެސް ސިޓީތަކުގެ މޭޔަރުންނާއި ޑެޕިއުޓީންނާއި މެންބަރުންނަށް މުސާރަ ކަނޑައަޅާފައި ވަނީ އެ މިންގަނޑަށެވެ.