މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރު ކަމަށް ސަންގު ޓީވީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތަށް ޝިފްލާ އެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 71 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބްރޯޑްކޮމްގެ މެންބަރު ކަމަށް ޝިފްލާ ކުރިމަތިލެއްވި ނަމަވެސް މަޖިލީހުން ވަނީ އޭނާގެ ނަން ފާސްކޮށް ނުދީފައެވެ. ޝިފްލާގެ ނަން މިފަހަރު ފާސްކޮށްފައި މިވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ފޮނުއްވި ތިން ބޭފުޅުންގެ ތެރެއިންނެވެ.

އޭގެ ތެރޭގައި ޝިފްލާގެ އިތުރުން ދެން ހިމެނެނީ މ. ވެންކޫވާ/ ފާތުމަތު ސައުޝަން އާއި އދ. މާމިގިލި/ ޖަވާހިރު އައްސޭރި، ޑރ. މުހައްމަދު އިބްރާހީމެވެ.