ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ފީވަކު ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓިސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކަމަށާއި މުޅި މަޝްރޫއުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 55,163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 356 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން 182 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި އަދި 2،320 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއު ތެރޭގައި ހިމެނޭ ކަަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 67.6 މިލިއަން ރުފިޔާއަށެވެ.