ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްބޯޓުތަކެއް އެމްއެންޑީއެންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ކޯސްޓް ގާޑު ޝިޕް ހުރަވީން ކުރަމުންދިޔަ ޕެޓްރޯލް ދަތުރެއްގައި އެބޯޓުތައް މަސްވެރިކަން ކުރަމުން ދަނިކޮށް ފެނިފައި ވަނީ މ. އަތޮޅާއި ވ. އަތޮޅާ ދިމާލުން އިރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ 30 ނޯޓިކަލް މޭލު އެތެރެއިން ކަމަށެވެ.

އޭގެ ތެރޭގައި ފަސް ބޯޓެއް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަމެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް އެތަނުން ކޮންމެ ބޯޓެއްގައި ހަ މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ބޯޓުތައް މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މާލެއަށް ގެނެވޭނީ މާދަން މެންދުރުފަހު ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ރާއްޖޭގެ ކަނޑުުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ބޯޓުތަކެއް އަތުލައިގެންފައި މިވަނީ ދުވަސް ތަކަކަށްފަހުގައެވެ.