ލައިފް ސްޓައިލް

ޝާހީ އާއިލީ ޑުރާމާ: ޕްރިންސް ވިލިއަމް މޭގަން އަށް މައާފު ކޮށްފާނެބާ؟

ޑޫކް އޮފް ކެމްބްރިޖް ޕްރިންސް ވިލިއަމް އެމަނިކުފާނުގެ ފަހަރި މޭގަން މާކެލް އާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން އުޅުއްވާތާ އަހަރަކަށް ވުރެ ގިނަދުވަސްވެއްޖެއެވެ. މިއީ ދުނިޔޭގެ ކަޅި އަމާޒުވެގެންދިޔަ އޯޕްރާއަށް މޭގަން އަދި ހެރީ ދެއްވި ބަސްދީގަތުމުގެ ކުރިންނެވެ.

ޕްރިންސް ވިލިއަމްގެ އަރިސް މީހުން ބުނުއްވާގޮތުގައި މޭގަންގެ ސަބަބުން އެ އާއިލާ ތެރެޔަށް އެރި ތޫފާނުގައި އާއިލާ ވިއްސިވިހާލިވެ ދިއުމުގެ ޒިއްމާ މޭގަން ގެ އިސްތަށިފުޅުގައި ވިލިއަމް އަޅުއްވާ ކަމަށާއި، އޭނާއަށް ދުވަހަކުވެސް ވިލިއަމް މާފެއް ނުކުރައްވާނެ އެވެ.

ވިލިއަމް އަދި ހެރީގެ ކާފާފުޅުގެ ޖަނާޒާގައި ޕްރިންސެސް ކޭޓް އަދި ހެރީ ރުޅިވެރިކަމެއް ނެތި އެކަކު އަނެކަކާ މުހާތަބުކުރައްވާތަން އާއްމުންނަށް ފެނުން ވެގެން ދިޔައީ، އެ ބޭފުޅުންގެ މެދުގައި އުފެދުނު ރުޅިވެރިކަން ނިމުމުގެ ސިގުނަލެއްގެ ގޮތުގަ އެވެ.

ނަމަވެސް ހެރީގެ ބޭބޭފުޅު، ޕްރިންސް ވިލިއަމް އާއި މޭގަން އާ ދެމެދު މިމަންޒަރު ފެނުން ދުރުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޕްރިންސް ފިލިޕްގެ ޖަނާޒާގައި ހެރީގެ އަންހެނުން މޭގަން ބައިވެރިވެވަޑައިގެންފައި ނުވަނީ ދެވަނަ ދަރިފުޅަށް އާލާސްކަންފުޅާ އިންނެވުމުގެ ސަބަބުން ދަތުރުކުރުމުގެ ހުއްދަ ލިބިވަޑައިގެންފައި ނެތުމުންނެވެ.

ޕްރިންސް ހެރީ ޝާހީ އާއިލާއާ ދުރަށް ޖެހިވަޑައިގެންނެވި ހިސާބުން ފެށިގެންވެސް ޕްރިންސް ވިލިއަމް ވަނީ މޭގަން އާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވަން ފަށްޓަވާފައެވެ. އަދި އެއަށްފަހު އޯޕްރާގެ އިންޓަވިއުގައި ވިލިއަމްގެ އަނބިކަނބަލުން ކޭޓް އާއި ގުޅޭ ގޮތުން މޭގަން ދެއްކެވި ވާހަކަތަކަށާއި ޝާހީ އާއިލާއާ ކުރިމަތިކުރެއްވި ތުހުމަތުތަކަށް ވިލިއަމް ވަނީ ވަކީން ބޮޑަށް ނަފުރަތު ކުރައްވާފައެވެ.

ޝާހީ އާއިލާގެ ކަންކަން ރަނގަޅަށް ދަންނަ ފަރާތަކުން އިނގިރޭސި ނޫހެއް ކަމަށްވާ ޑެއިލީ މެއިލަށް މައުލޫމާތު ދީފައިވާ ގޮތުގައި ކޭޓް އަދި މޭގަން އާ ދެމެދު ނުކުތް މައްސަލަތަކާ ވިލިއަމް އަދި ހެރީ އާ ދެމެދު ޖެހުނު މައްސަލަތައް ހައްލުކުރުމުގައި ކުރިއެރުމެއް ފެނުނު ނަމަވެސް ވިލިއަމް އަދި މޭގަން އާ ދެމެދު މައްސަލަ ހައްލުކުރެވިދާނެ ކަމާ މެދު ސުވާލު އުފެދެއެވެ.

''ފުރަތަމަ ކަމަކަށް ވިލިއަމްގެ އަންހެނުން ކޭޓް އާ މެދު މޭގަން ކަންތައް ކުރެއްވި ގޮތް ވިލިއަމް އެއްގޮތަކަށްވެސް ބަލައެއް ނުގަނޭ. ވިލިއަމް ގަބޫލުފުޅު ކުރައްވާގޮތުގައި، މޭގަން އާ ގުޅުން ބަދަހިކުރެއްވުމަށް ކޭޓް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި، ނަމަވެސް އެކަމަށް މޭގަންގެ ފަރާތުން ކުރިއެރުމެއް ލިބިފައެއް ނުވޭ.''

މީގެ އިތުރުންވެސް ކޭޓް ކުރެއްވި މަސައްކަތް އެއްފަރާތް ކޮށް ކޭޓްގެ އަގު ވެއްޓޭ ގޮތަށް މޭގަން ދެއްކެވި ވާހަކަތަކާ މެދު ވިލިއަމް ވަނީ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންފައި ކަމަށް އޭނާ މައުލޫމާތު ދެއެވެ.

މޭގަން ހެރީގެ ހަޔާތަށް ވަޑައިގެންނެވި ހިސާބުން ކަންކަން އަވަސް ދުވެއްޔެއްގައި ގެންދަވަން ފެއްޓެވުމުން، އެކަމާ ވިލިއަމް ވަނީ ހެރީއަށް ނަސޭހަތްތެރިވެވަޑައިގެންފައި ކަމަށާއި ނަމަވެސް އެކަން ހެރީ ނެންގެވީ ރަނގަޅަކަށް ނޫން ކަމުގައި އެފަރާތުން ބުނެއެވެ.

މޭގަން ޝާހީ އާއިލާއާ ރަސްމީކޮށް ގުޅިވަޑައިގަތް ހިސާބުންވެސް ވިލިއަމް ވަނީ މޭގަންގެ މަގުސަދާމެދު ޝައްކު އުފައްދަވާފައެވެ.

ޝާހީ ގަނޑުވަރުގެ ކަންކަން އެނގޭ އެހެން ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ވިލިއަމް ވަނީ މޭގަންގެ މަގުސަދާ މެދު ފާރަވެރިވާން ފައްޓާފައެވެ. ''ޝާހީ އާއިލާގެ ކަންކަމަށްވުރެ މޭގަން އޭނާގެ އަމިއްލަ ބޭނުމަށާއި ފައިދާތަކަށް ވިސްނަވާ ކަމަށް ވިލިއަމްއަށް ފާހަގަކުރެއްވޭ ކަމަށް ގަބޫލުކުރެއްވި.''

ނަމަވެސް މި ހިޔާލުތައް އެއް ފަރާތްކުރައްވައި ވިލިއަމް ވަނީ މޭގަންއަށް ޝާހީ އާއިލާ އަށް މަރުހަބާ ވިދާޅުވެ އުފާވެރިކަމާއެކު މޭގަން ދިރިއުޅުއްވުމަށް ހިތްވަރުދެއްވާފައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

''މެގްޒިޓް''ގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ. އެހިސާބުން ވިލިއަމްއަށް ކުރެވުނު ޝައްކުތައް ގަބޫލުފުޅު ކުރައްވައި، އިތުރަށް އެކަން ސިއްރު ކުރައްވަން މަސައްކަތްޕުޅެއް ނުކުރައްވާ. ވިލިއަމް ގަބޫލުފުޅުކުރައްވަނީ މޭގަންގެ އަމާޒަކީ ޝާހީ އާއިލާ އަދި ރާނީ އެލިޒަބަތުގެ އަގުވައްޓަވާލެއްވުން ކަމަށް.'' އޭނާ ބުނެފައިވެއެވެ.

ޝާހީ އާއިލާއާއެކު ދިރިއުޅުއްވި ދުވަސްކޮޅުގައި މޭގަންގެ ފަރާތްޕުޅުން ފާހަގަކުރެވުނު ކަންކަން ވަނީ ރާނީގެ އަރިސް މުވައްޒަފުން ވިލިއަމްއާ ހިއްސާ ކުރައްވާފައެވެ. އެގޮތުން، ރާނީ އެލިޒަބަތުގެ އިޒުނަފުޅާއެކު ޝާހީ ހަޒާނާތަކުގެ ތެރޭގައި ހިމެނިވަޑައިންނަވާ ޕްރިންސެސް ޑަޔާނާގެ ތާޖުފުޅުތަކާއި ގަހަނާތައް މޭގަން ބޭނުންކުރެއްވުން ވަނީ މަނާކުރައްވާފައެވެ.

ކޭޓްވެސް ވަނީ މޭގަން ޝާހީ ގަނޑުވަރުގެ މުވައްޒަފުންނާ ބޭއަދަބީކޮށް ވާހަކަފުޅުދެއްކެވުމުގެ ސަބަބުން ނުރުހުންވެވަޑައިގެން އެފަދައިން މުވައްޒަފުންނާ ބޭއަދަބީކޮށް ވާހަކަފުޅު ނުދެއްކެވުމަށް މޭގަންގެ އަރިހުން އެދިވަޑައިގެންނެވި ވާހަކަ ވިލިއަމް އާ ހިއްސާކުރައްވާފައެވެ. އަދި މިއީ މޭގަން އަދި ކޭޓް އާ ދެމެދު މައްސަލަތައް އުފެދެން ފެށި ހިސާބުކަމުގައި އިންޓަވިއު ދިން ފަރާތުން ބުނެފައިވެއެވެ.

ކުރިއަށް ޕްރިންސް ވިލިއަމް އަދި ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާ ދުނިޔޭގައި ހުންނެވި ނަމަ އުމުރުފުޅުން 60 އަހަރު ފުރޭނެ ދުވަހާ ދިމާކޮށް ޖުލައި 1 ގައި ވަނީ ޑަޔާނާގެ ސްޓެޗޫއެއް ރަސްމީކޮށް ނެރުމަށް ހަމަޖެހިފައެވެ. މިމުނާސަބަތާ ދިމާކޮށް ޕްރިންސް ވިލިއަމް އަދި ހެރީ އަނެއްކާވެސް ބައްދަލު ވެ، ބަދަހި ގުޅުމެއް ދެބެއިންގެ ކިބައިން ފެންނާނެ ކަމަށް ބެލެވޭނަމަވެސް، މި ހަފުލާގައި ހެރީގެ އަނބިކަނބަލުން މޭގަން ބައިވެރިވެވަޑައިގަންނަވާނެ ކަމަކަށް ނުފެނެއެވެ.

ކޮންމެއަކަސް މޭގަން އަށް ޝާހީ އާއިލާގެ ރުހުން ލިބުމާމެދު އުފެދިފައިވާ އުއްމީދުތައް އަންނަނީ ފަނޑުވަމުންނެވެ. މީގެ އެތަކެއް އަހަރެއްކުރިން ރާނީގެ ބޮޑުބޭބޭފުޅު އެމެރިކާއަށް ނިސްބަތްވެވަޑައިގަންނަވާ އަންހެނަކާ ކައިވެނި ބައްލަވައިގެން ޝާހީ އާއިލާއާ ފެއަށް ޖެހިވަޑައިގަތުމުން ރާނީގެ މަންމާފުޅު އޭނާއަށް މައާފުކުރައްވާފައެއް ނުވެއެވެ.

މިހާދިސާ ކޮންމެވެސް ސިފައެއްގައި އަނެއްކާވެސް ޝާހީ އާއިލާގެ ތާރީހުގައި އިޔާދަވެފައިވާއިރު، ޕްރިންސް ވިލިއަމްގެ ނިންމުން މޭގަން އާ މެދު އަންނާނީ މިފަދައިންކަމުގައި ގިނަ މީހުން ވަނީ ގަބޫލުކުރަން ފަށާފައެވެ.

މިވާހަކަތަކާ ގުޅިގެން ކެންސިންގްޓަން ޕެލަސްއިން މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.