ކަނޑުދަތުރު ކުރުމުގައި ހާއްސަ ސަމާލު ކަމެއް ދޭންޖެހޭ ކަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އިލްތިމާސްކޮށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ގަރާރު މަޖިލީހުން ފާސްކޮށްފިއެވެ.

މި ގަރާރަކީ ކަނޑުދަތުރު ކުރުމުގައި ސަލާމަތީ ރައްކާތެރިކަމަށް ކޮންމެހެން ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ހިނގަމުން އަންނަ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށްޓަކައި ހުށަހެޅި ގަރާރެކެވެ.

މި ގަރާރުގައި ވަނީ ދަތުރު ކުރުމުގައި ބޭނުން ކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަލަންވާ ވަރަށް ނުބެލުމާއި ދަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް ދައުލަތުގެ މުއައްސަސާތަކުން ދޭ ލަފަ އާއި އިރުޝާދާއި އިންޒާރަށް ނުބަލައި ދަތުރުކުރުމުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި މުދަލާއި އުޅަނދު ފަހަރު ޣަރަގުވުން ފަދަ ހިތާމަވެރި ކަންކަން ހިނގާފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި މީހުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަށްޓަކައި ރައްކާތެރިވުމުގެ ގޮތުން އޮޑިވެރިންނާއި ދަތުރުކުރާ އެންމެހާ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް މި ގަރާރުގައި ވަނީ އިލްތިމާސް ކޮށްފައެވެ.

ދެ ފަހަރުމަތިން މިގަރާރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅިއެވެ. ފުރަތަމަ ފަހަރު ހުށަހެޅުމުން ގަރާރު އިތުރަށް ދިރާސާ ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވައިލީއެވެ. ނަމަވެސް މިއަދު އެ ގަރާރު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެއީ އެވަގުތު ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ.