މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް ބޭނުންވާ އެސައިންމަންޓުތަކާއި ދިރާސީ މަސައްކަތްތައް އަގަށް ކޮށްދިނުމަކީ އާންމު ކަމެކެވެ. ބައެއް ފަރާތްތަކުން އެފަދަ މަސައްކަތްތައް ކޮށްދެނީ، ކޮށްދޭ އަގާއެކު އެކި ތަންތަނުގައި އާންމުކޮށް އިއުލާންކޮށް ކޮށްގެންނެވެ. ނަމަވެސް އެކަމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅައި، މަތީ ތައުލީމާއި ތަމްރީނުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު މިވަނީ ފާސްކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެ ބިލު މަޖިލީހުން ފާސްކުރި އިރު ބިލުގައި ހިމަނާފައިވާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަވަނީ ދަރިވަރުންނަށް ބޭނުންވާ އެސައިމަންޓުތަކާއި ދިރާސީ މަސައްކަތްތައް އަގަށް ކޮށްދިނުމާއި އެކަންކުރުވުމާއި އެކަން ކޮށްދޭ ކަމަށް އިއުލާން ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ހިމެނުމެވެ.
އެގޮތުން އެ ބިލުގެ 65 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރުގައި ބުނެފައި ވަނީ މަތީ ތައުލީމު ފޯރުކޮށް ދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގު ދީގެން ކުރުވުމަކީ މަނާ ކަމެއް ކަމަށެވެ.
އެ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައި ބުނެފައިވަނީ މަތީ ތައުލީމު ފޯރުކޮށް ދޭ މަރުކަޒެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށަހެޅުމަކީވެސް މަނާ ކަމެއް ކަމަށެވެ.
އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ މި މާއްދާގެ (ހ)ގެ (1)ގައި ބަޔާން ކޮށްފައިވާ އަމަލެއް ކޮށްފި ދަރިވަރެއްގެ އަދަބަކީ 5000 ރުފިޔާ އިން ޖޫރިމަނާ ކުރުން ކަމަށެވެ. މިއީ އެކަން ކުރި ކުއްޖާގެ އަދަބެވެ. (ނ) ގައި ބުނެފައި ވަނީ މި މާއްދާގެ (ހ)ގެ (2) ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކޮށްފި ފަރާތެއްގެ އަދަބަކީ 10000 ރުފިޔާ އިން ޖޫރިމަނާ ކުރުން ކަމަށެވެ. އެއީ އެކަން ކޮށްދިން ފަރާތުގެ އަދަބެވެ.
މީގެ އިތުރުން އެފަދަ އަމަލެއް ދަރިވަރަކު ހިންގައިފިނަމަ އެކަން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް މި ގާނޫނުގެ ދަށުން ހަދައި ގަވާއިދުގައި ކަނޑަަޅާ އުސޫލުތައް މަތީ ތައުލީމު ދޭ ކޮންމެ މަރުކަޒެއްގައި ގާއިމުކޮށްފައި ހުންނަންވާނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
މި ބިލުގައި މަތީ ތައުލީމާބެހޭ މަރުކަޒުތަކާއި ޔުނިވާސިޓީތަކާއި ކޮލެޖުތައް ރަޖިސްޓްރީ ކުރުމާއި އެތަންތަނާ ބެހޭ ގިިނަ ކަންތަތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާނެ ގޮތްތައް ވަނީ ކަނޑައަޅައިފައެވެ.
ބިލުގައި ބުނެފައި ވަނީ، މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނަމުގައި ފަންނީ ހުނަރުވެރި މަސއްކަތްތެރިކަމުގެ ތައުލީމާއި ތަމްރީނުދިނުމުގެ ކަންކަން ބަލަހައްޓައި ތަންފީޒު ކުރުމަށް އިދާރާއެއް އުފެދޭނެ ކަމަށެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ނަމުުގައި އޮތޯރިޓީއެއް އުފެދި، މިހާރު ހިނގަމުންދާ އޮތޯރިޓީގެ ހުރިހާ ކަމެއް އެ އޮތޯރިޓީއަށް ބަދަލުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު