ކުށެއްގެ ތުހުމަތުގައި މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ހުރި ހ. ކުއްޅަވައްމާގެ އަޒުހަރު އިބްރާހިމް އަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ބައެއް އޮފިސަރުން އަނިޔާ ކުރި މައްސަލައެއްގައި އޭނާއަށް މަދަނީ ބަދަލު ނަގައި ދިނުމަށް އެޗްއާރުސީއެމުން އަމަލީ ގޮތުން މަސަކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި މައްސަލައަކީ، ކުށެއްގެ ތުހުމަތުގައި މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުރި، ހ. ކުއްޅަވައްމާގޭ އަޒުހަރު އިބްރާހިމަށް އޯގަސްޓް 5، 2017 ވަނަ ދުވަހު ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކެއް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެކެވެ. ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ސަމާލުކަމަށް އައިސްގެން މި މައްސަލަ އެ ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު ހިންވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.
އެ މައްސަލަ ދިރާސާކޮށް ގިނަ ކަންތައްތަކެއް ކޮމިޓީން ވަނީ މިއަދު މަޖިލީހުން ފާސްކުރި ރިޕޯޓުގައި ހިމަނައިފައެވެ.
އެގޮތުން އެ މައްސަލައިގަ ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ދެ މުއައްސަސާގެ ވަކިވަކި އޮފިސަރުންނަށް ޖިނާއީ ދައުވާ ކުރެވޭނެ ހެކި ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވާ ނިންމުން މުރާޖައާ ކުރަންޖެހޭ ކަމަށް ވަނީ ހިމަނައިފައެވެ.
މި މައްސަލައާ ގުޅިގެން މަދަނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނުން އެޅުމަށާއި އެ މާއްދާގެ ދަށުން މި މައްސަލައާ ގުޅިގެން އަޒުހަރު އިބްރާހީމަށް މަދަނީ ބަދަލު ހޯދައި ދިނުމަށް އެޗްއާރުސީއެމުން އިސްވެ މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވަނީ ހިމަނައިފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފި ކަމަށް ނުވަތަ އިންސާނީ މަސްއޫލިއްޔަތުތައް ހައްގެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެ ކަމަށް ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެ ކަމަށް ބުނެ އެމީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާއަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ، ނުވަތަ ކޮމިޝަނަށް އެފަދަ ކަމެއް ހިނގާ ކަމަށް ނުވަތަ ހިނގާފައިވާ ކަމަށް ގަބޫލުކުރެވިއްޖެނަމަ، އެ މައްސަލައެއް ތަހުގީގުކޮށް ބެލުމާއި އެ ބުނެވުނު ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ނުވަތަ ޖަމާއަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ތަހުގީގުކޮށް ބެލުމާއި އެ ގަނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތުގެ މައްސަލައެއްކަމުގައިވާ ނަމަ އެ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެ ކޮމިޝަނުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށްވެސް ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިފައިވާކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިއްޖެ ނަމަ އެ މައުލޫމާތު ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުގެ އިޒުނަޔާއެކު އެ ފަނޑިޔާރުގެ މައުލޫމާތަށްޓަކައި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.
ކޮމިޓީ ރިޕޯޓުގައި ވަނީ މި މައްސަލަ ބެލުމުގައި އަނިޔާ ލިބުނު ފަރާތުގެ ވަކީލު ޔާމީން އިބްރާހިމްއާ އެޗްއާރުސީއެމްގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
އަޒުހަރު އިބްރާހީމަށް އަނިޔާ ކޮށްފައިވާކަން އެޗްއާރުސީއެމްގެ ތަހުގީގަށް ސާބިތުވި ނަމަވެސް އެންޓިޓޯޗާ ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ނަފުސާނީ އަދި ޖިސްމާނީ އަނިޔާއެއް ގަސްތުގައި ކުރި ކަމަށް ސާބިތު ނުވާ ކަމަށް އެޗްއާރުސީއެމުން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އަޒުހަރު އިބްރާހިމް ޖަލުގައި ބަންދު ކުރީ މާލެއިން ފުރައިގެން ކ. މާފުއްޓަށް ދިޔަ ލޯންޗެއް ހުއްޓުވައި ޗެކު ކުރަން އުޅުމުގެ ތެރޭގައި އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައެވެ. އެރޭ ދަންވަރު 1:30 އެހާއިރު ހަމަލާދީ ޒަހަމް ކޮށްލީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުންދިޔަ ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާނެވެ. އެ ހަމަލާ އަމާޒުވީ އޭނާގެ ކުރިމަތިން ވާއަތު ކޮނޑާއި މެއާ ދޭތެރެއަށެވެ.
ފުލުހުން ބުނީ ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ލޯންޗު ހިފެހެއްޓީ އެއްޗެހިތަކެއް މާފުށީ ޖަލަށް އެތެރެކުރުމަށް އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު