މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކު އަޑުއަހާލައި އެކުވެރީންނާއި ރައްޓެހިންނާ ބައްދަލުކޮށްލައި ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށް، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ އަމިއްލަ ޕާޓީގެ މެމްބަރަކު ހުށަހަޅާފައިވާ ގަރާރެއް ކަމަށްވިއަސް އެކަމަށް ތާއީދެއް ނުކުރައްވާނެ ކަމަށާއި އެ ގަރާރު ފާސްކުރަން ވޯޓުވެސް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު އަބުދުﷲ ސަނީފު ވިދާޅުވެއްޖެއެވެ.

މަޖާކުރާ ތަންތަން ހެދުމަށް ގޮވާލުމުގެ ގަރާރަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ގަރާރެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކޮށްފައިވަނީ، އެ ގަރާރު ދިރާސާކޮށް އެކަމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް އެދި އެ ގަރާރު ދިރާސާކޮށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަަށެވެ.

ރިޕޯޓުގެ ބަހުސްގައި އެ ގަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މެމްބަރު ސަނީފު ވިދާޅުވީ، އެކަމާބެހޭ ގޮތުން ވާހަކަ ދައްކަން ޖެހުނީވެސް މި ރޯދަމަހު މެދަކާ ހިސާބަށް ގޮސްފައިވާ އިރު އެކަމަށް ހިތްމަޖުބޫރު ވެގެން ކަމަށެވެ. އަދި އޭގެ މަފުހޫމު ވަރަށް ރަނގަޅަށް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިބެގެން އެފަދަ ގަރާރެއް ހުށަހަޅަން ޖެހުނީ ކޮން ސަބަބަކާހުރެތޯ ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށެވެ. އަދި މުޅި މާލެ ބަރާކޮށް މާލެއަށް ތޮއްޖެހި، ތަކުލީފުތަކާ ހެދި މާލޭގައި ދިރިނޫޅެވިގެން އުޅޭ އިރު، ހޭންވީ ކޮންކަމަކާތޯ އާއި އެކަން ކުރަންވީ ތަނަކަށް އެއްވެ ބޭހެއް ބޮއެގެންތޯވެސް ސަނީފު ސުވާލު ކުރެއްވިއެވެ.

"މިއުޅެނީ ކޮން ކަމަކާތޯ އަޅުގަނޑުމެން ހޭންވީ، އަޅުގަނޑުމެން ތަނަކަށް އެއްވެ ބޭހެއް ބޮއިގެންތޯ ހޭންވީ، ކޮން ކަމަކާތޯއޭ ހޭންވީ، މި އުޅެނީ މި މާލޭގައި ދިރިނޫޅެވިގެނޭ، މިއުޅެނީ ސިޔާސަތެއް ނެތިގެނޭ، މި މާލެއެއަށް މީހުން ތޮއްޖައްސައި މުޅި މާލެ ބަރާކޮށް، އަޅުގަނޑުމެން މިތިބީ ތަކުލީފެއްގެ ތެރޭގައޭ،" ސަނީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެތެރޭގެ ރަށްތައް ތަރައްގީކޮށް މާލެއަށް ލުޔެއް ދިނުމަކީ މީހުން ހެވިފައި ތިބޭނެ ކަމެއް ކަމަށާއި އޭރުން އެންމެންވެސް ތިބޭނީ ހެވިފައި ކަމަށެވެ. އަދި ހުށަހަޅާފައިވާ ގަރާރަކީ ރަނގަޅު މަގުސަދެއް އޮވެގެން ރަނގަޅު ނިޔަތެއްގައި ހުށަހަޅާފައިވާ ގަރާރެއްކަށް ނުދެކޭތީ، ރައްޔިތުންގެ އެދުމާއި އުއްމީދާ އެއްގޮތަށް ގަރާރަށް ދެކޮޅު ހައްދަވާ ކަމަށާއި ޕާޓީ މެމްބަރެއް ހުށަހެޅި ނަމަވެސް އެ ގަރާރަށް ވޯޓު ނުދެއްވާނެ ކަމަށްވެސް ސަނީފު ވިދާޅުވިއެވެ.