މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މިގެނެސް ދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓު ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރު ކޮށްދެނީ އެ ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ދިވެހި ރަހަތައް ކަމަށްވާ ސާގު ފަނި އަދި ކިރު ބޯކިބާ ރެސިޕީއެވެ.

ބޭނުންވާނެ ތަކެތި:

1 ޖޯޑު ސާގު

20 ޖޯޑު ފެން

½ ޖޯޑު ރޯސް ސިރަޕް

1 ދަޅު ގެރިކިރު

ތައްޔާރުކުރާނެގޮތް:

ތެއްޔަކަށް 10 ޖޯޑު ފެން އަޅައި، އުނދުން މައްޗަށް އުދާލުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. ފެންގަނޑު ކެކިގަތުމުން ސާގުކޮޅު މީގެ ތެރެއަށް އަޅާލައި ސާގުގެ މެދުގައި ފެންނަން ހުންނަ ހުދު ތިކި ފިލަންދެން ކައްކާލާށެވެ. އުނދުންމަތިން ބޭލުމަށްފަހު ސާގުކޮޅު ފުރާނާލާށެވެ.

ބާކީ ހުރި 10 ޖޯޑު ފެން އުދާލުމަށްފަހު ރަނގަޅަށް ކެކިގަންނަން ފެށުމުން ފުރާނާލާފައި ހުރި ސާގުކޮޅާއި ގެރިކިރު އަޅާލާ ހާކާލަމުން ފަސް މިނިޓެއްވަރު ކައްކާލާށެވެ. އުނދުން މަތިން ބޭލުމަށްފަހު ރޯސް ސިރަޕްކޮޅު އަޅައި އެއްކޮށް ގިރާލާށެވެ. އަދި ތައްޔާރު ކުރި ސާގު ފަނި ފިނިކޮށްލުމަށްފަހު ބޭނުންކުރާށެވެ.

ބޭނުންވާނެ ތަކެތި:

4 ޖޯޑު ފެން

3 ރާނބާފަތް (6 އިންޗީގެ ދިގުމިނަށް ބުރިކޮށްފައި)

1 ފޮނިތޮށި

10 ކާފޫރުތޮޅި

1 ޖޯޑު ކާށި ކިރު

¾ ޖޯޑު ހަކުރު

2/3 ޖޯޑު ކޯން ފްލާ

1 މޭޒުމަތީ ސަމުސާ ފިނިފެން (ރޯސް ވޯޓާ)

ތައްޔާރުކުރާނެ ގޮތް:

¼ ސައިސަމުސަލުގެ ތެޔޮކޮޅެއް ޓްރޭގައި ފަތުރާލާށެވެ. ތެއްޔެއްގެ ތެރެއަށް ފެނާއި ރާނބާފަތް ފޮނިތޮށި އަދި ކާފޫރުތޮޅިކޮޅު އަޅާލުމަށްފަހު ކައްކާލާށެވެ. ކުޑަކޮށް ފެންގަނޑު ދެބައިކުޅަ އެއްބަޔަށް ހިކެންދެން މަޑުގިނީގައި ކައްކަމުން ގެންދާށެވެ. މިކަމަށް ގާތްގަނޑަކަށް 30 މިނެޓް ނަގާނެއެވެ. އެއަށްފަހު އުނދުން ނިވާލުމަށްފަހު ވަކިން ބަހައްޓާށެވެ.

ކެއްކި ފެން އެތިން ދެ ޖޯޑު ފެން ނަގައި ވަކިން ތެއްޔަކަށް އަޅާލާށެވެ. އަދި މީގެ ތެރެއަށް ކާށި ކިރު އަދި ހަކުރުކޮޅު އަޅާލައި ރަނގަޅަށް އެއްވަންދެން ގިރާލާށެވެ. ހަކުރުކޮޅު ވިރެންދެން ގިރުން މުހިންމެއް ނޫނެވެ. މަޑުމަޑުން ކޯން ފްލާ އަޅަމުން އެއްކުރަމުން ގެންދާށެވެ.

އުނދުން ރޯކުރުމަށްފަހު ތެލީގައި ހުރި ކިރުކޮޅު ހުއްޓާނުލާ ހާކަމުން ގެންދާށެވެ. އަދި ހިކެންދެން މަޑު އަދި މެދު ގިންޏާ ދެމެދުގައި އުނދުނުގެ ހުޅު ބަހައްޓައިގެން ކައްކަމުން ގެންދާށެވެ. ކިރުކޮޅު ބޭނުންވާ ވަރަށް ހިކެން ފެށުމުން ކޮންމެވެސް ވަރަކަށް ހާކަމުން ގެންދާ ދޭފަތަށް ބަރުވާހެން ހީވާނެއެވެ. މި ހިސާބަށް ދިއުމުން އުނދުން ނިއްވާލުމަށްފަހު ފިނިފެންކޮޅު (ރޯސް ސިރަޕް) އަޅާ އެއްކޮށްލާށެވެ.

ތައްޔާރުކުރެވުނު ކިރުކޮޅު ޓްރޭގެ ތެރެއަށް އަޅާލާށެވެ. އަދި މަތި އޮމާންކޮށްލުމަށްފަހު ބަހައްޓާލާށެވެ. ހޫނުކަން ކެނޑެންދެން ވަކިން ބަހައްޓާލުމަށްފަހު ފިނިކުރަން ފުރިޖަށް ލާށެވެ. އެއް ގަޑި އިރު ފަހުން ފުރިޖުން ނަގައި ހަތަރެސް ކަނަށް ރީތިކޮށް ކަފާލާށެވެ.