މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓްގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ސްޕެގެޓީ ކާބޮނާރާ ރެސިޕީއެވެ.

250ގ ސްޕެގެޓީ (ފެނުކައްކާ މަޑުކޮށްފައި)

1 ބިހުގެ ގޮބޮޅި

40ގ ބީފް ބޭކަން (ކުދިކޮށް ކޮށާފައި)

½ ޖޯޑު ކުކިންގ ކްރީމް

1 މޭޒުމަތީސަމުސާ އޮލިވް އޮއިލް

1 މޭޒުމަތީސަމުސާ ލޮނުމެދު (ކޮށާފައި)

½ ޖޯޑު ޕާމެޒާން ޗީޒް

ރަހަލާވަރަށް ލޮނު އަދި އަސޭމިރުސްކޮޅެއް

ބިހުގެ ގޮބޮޅި އަދި ކުރީމް ކޮޅު ތަށްޓެއްގައި ގިރާލާށެވެ. އަދި ތަވައެއްގައި ތެޔޮކޮޅެއް ހޫނުކުރުމަށްފަހު ބޭކަންކޮޅު ހަރުވެލަންދެން ރޯފިލާ ވަރަށް ކައްކާލާށެވެ. ލޮނުމެދުކޮޅު މީގެ ތެރެއަށް އެއްކުރުމަށްފަހު މުށިކުލައެއް އަރަންދެން މިނިޓެއްވަރު ކައްކާލާށެވެ.

ކުރިން ގިރާފައި ހުރި ބިސްކޮޅު މީގެ ތެރެއަށް އަޅާލުމަށްފަހު ގިނިމަޑުކޮށްލުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު މީގެތެރެއަށް ސްޕެގެޓީ ބައިބަޔަށް އަޅަމުން ކުރީމް ސޯސްއާ ރަނގަޅަށް އެއްކުރަމުން ގެންދާށެވެ. އެންމެ ފަހަށް ޕާމެޒާން ޗީޒް އަދި އަސޭމިރުސް ކޮޅެއް މައްޗަށް އަޅާލުމަށްފަހު އެއްކޮށްލާށެވެ.

އުނދުންމަތިން ބޭލުމަށްފަހުވެސް މައްޗަށް ޕާމެޒާން ޗީޒް ކޮޅެއް އަޅާލާށެވެ.