ޝިހާމް މުހައްމަދު ވަހީދު ދަފްތަރު 5143، އާއި އަހުމަދު އާހިދު ރަޝީދު ހ. ގުރުވަ ގެ އިތުރުން މަރިޔަމް އަލީމު ގ. ދާސްތާން، މި ތިން ބޭފުޅުންގެ ތެރެއިން ބޭފުޅަކު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މިއީ މީގެ ކުރީން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒު މޫސާ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ކުރި އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅުންގެ ނަމެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާއްމު، އެ ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް އިއްވެވުމުން މަޖިލިސް ރައީސް ވަނީ އެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފައެވެ.
އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކު މަޖިލީހުން ކަނޑައަޅާނީ އެ ތިން ބޭފުޅުންގެ ނަން ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލާ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމުން އެ މައްސަލައަށް ބަހުސް ކުރުމަށްފަހުގަ އެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް