މިމަހު 10 ވަނަ ދުވަހު އިންތިހާބު ކުރި ކައުންސިލްތަކާއެކު ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށްފަހު، ކައުންސިލަރުންގެ މުސާރަ މުރާޖައާ ކުރުމަށްފަހު މިހާރު ކައުންސިލަރުންނަށް ދޭ މުސާރައަށް ބަދަލު ގަނައުމަށް ޕޭ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައި ވަނީ، ހުސްވި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހަޅައިގެން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ގިނަ ބާރުތަކެއް ކައުންސިލްތަކަށް ދީފައިވާތީއެވެ. އެކަމާ ގުޅިގެން ކައުންސިލަރުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ ޕޭ ކޮމިޝަނުން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ގޮތަށް، ފާސްކުރަން އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

އެ ހުށަހެޅުމާއެކު ކޮމިޓީން ފާސްކޮށްފައި ވަނީ، ރަށު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި 18،400 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 4،600 ހަމަޖައްސައި، ޖުމުލަ 23،000 ރުފިޔާ ދިނުމަށާއި ރަށު ކައުންސިލުގެ ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 3،400 ރުފިޔާއާއެކު ޖުމުލަ 15،000 ރުފިޔާ ދިނުމަށެވެ.

އޭގެ އިތުރުން ރަށު ކައުންސިލް މެމްބަރެއްގެ މުސާރައިގެ ގޮތުގައި 9،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 2،400 ރުފިޔާ ހަމަޖައްސައި، ޖުމުލަ 12،000 ރުފިޔާ ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މިހާރު ކައުންސިލް ރައީސްއަށް މުސާރައިގެ ގޮތުގައި 15،000 ރުފިޔާ ލިބޭ އިރު، ކައުންސިލުގެ ނައިބު ރައީސްގެ މުސާރައަކީ 12،000 ރުފިޔާއެވެ. އަދި ރަށު ކައުންސިލް މެންބަރެއްގެ މިހާރުގެ މުސާރައަކީ 10،000 ރުފިޔާއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ ބޮޑުކުރަންވެސް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. އެގޮތުން އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ 25،000 ރުފިޔާ އިން 28،000 ރުފިޔާއަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ. އެއީ 22،400 ރުފިޔާގެ މުސާރަ އަކާއި އެލަވެންސްގެ ގޮތުގައި 5،600 ރުފިޔާއެވެ.

ސިޓީ ކައުންސިލަތަކަށް ކޮމިޓީން މުސާރަ ކަނޑައަޅައި ފާސްކޮށްފައި ވަނީ، މޭޔަރަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށެވެ. ޑެޕިއުޓީ މޭޔަރަށް މުސާރައިގެ ގޮތުގައި 27،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،000 ރުފިޔާ ދޭން ފާސްކުރި އިރު، މެންބަރުންނަށް މުސާރައިގެ ގޮތުގައި 24،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ ދިނުމަށެވެ. މިހާރުވެސް ސިޓީތަކުގެ މޭޔަރުންނާއި ޑެޕިއުޓީންނާއި މެންބަރުންނަށް މުސާރަ ކަނޑައަޅާފައި ވަނީ އެ މިންގަނޑަށެވެ.

ކައުންސިލަރުންގެ މުސާރައަށް ބަދަލު ގެނައުމަށް ކޮމިޓީގައި މިއަދު ކުރިއަށް ގެންދިޔަ ބަހުސްގައި މި ދަނޑިވަޅުގައި މުސާރަ ބޮޑު ކުރުމަށް ބައެެއް މެންބަރުން ވަނީ ދެކޮޅު ހައްދަވައިފައެވެ.