ލ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގާ ލ. މާންދޫންނާއި އެރަށާއި ގުޅިފައިވާ ގަމުން އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެ އަދަދު 45 އަށް އަރައިފި އެވެ.

މާންދޫން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެ އެރަށް މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. ޕޮޒިޓިވް ވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެރަށާއި ގުޅުވާލާފައި އޮންނަ ގަމުން ތިން މީހަކު ޕޮޒިޓިވް ވެ އެރަށް އިއްޔެ ރޭ ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.

ގަމު ކައުންސިލް ނައިބު ރައީސް އަހުމަދު ޝާހީން "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އިއްޔެ އެކަނިވެސް މާންދޫ އާއި ގަމުން 34 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެގޮތުން މާންދޫން އިތުރު 33 މީހަކު ޕޮޒިޓިވް ވެފައިވާއިރު ގަމުން އިއްޔެ ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެއް ކަމަށެވެ.

ޝާހީން ވިދާޅުވީ އިއްޔެ ހަވީރުއްސުރެ ގަމާއި މާންދޫން 153 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި މިހާތަނަށް 85 ސާމްޕަލްގެ ނަތީޖާ ނުލިބިވާ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އތުރަށް ވަރުގަދަ ކޮށްފައިވާ ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ގަމުގައި ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގައި ތިބެގެން ހިދުމަތް ދިނުން މަނާކޮށް ހަމައެކަނި ޑެލިވަރީ އަށް ހުއްދަ ދީފައިވާ ކަމަށެވެ. އަދި ގެއިން ބެރަށް ނިކުންނަ ނަމަ ކޮންމެ ގެއަކުން އެކަކު ނިކުތުމަށް އިލްތިމާސްކޮށްފައި ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މާންދޫގެ ކްލަސްޓާއާ ގުޅިގެން އެރަށާއި ގުޅިފައިވާ ހުރިހާ ރަށްތަކެއްވެސް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. އެހެން ނަމަވެސް ހާއްސަ ހުއްދައިގެ ދަށުން އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ދެވޭނެ ކަމަށްވެސް ޝާހީން ވިދާޅުވި އެވެ.

މީގެ އިތުރުން ގަން މޮނިޓަރިންއަށް ލީ ދުވަހުން ފެށިގެން ގަމުގައި ތިބި އެ އަތޮޅުގެ އެހެން ރަށްތަކުގެ މީހުންނާއި އެހެން މީހުންނަށްވެސް އެމީހުންގެ ރަށްތަކަށް ދެވޭނީ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރާ ގޮތަށް އެ ރަށެއްގެ ކައުންސިލުގެ ހުއްދަ ލިބުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލ. ގަމާއި އެ އަތޮޅު ފޮނަދޫ އަދި ކައްދޫއާ ކޯޒްވޭއަކުން ގުޅިފައި އޮންނަ މާންދޫއަކީ މަސް ފެކްޓަރީ ހިންގުމަށް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި އޮންނަ ރަށެކެވެ. މާންދޫގައި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންގެ އިތުރުން ގަން، ފޮނަދުއަށް ނިސްބަތްވާ ދިވެހި މުވައްޒަފުން ވެސް މަސައްކަތްކުރެއެވެ.

މާންދޫގައި ކޮވިޑް ފެތުރެމުންދާއިރު މަސްވެރިކަމުގެ އެކި މަސައްކަތަށް ދޫކޮށްފައިވާ ޅ. ފެލިވަރުގައިވެސް މި ބަލި ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން ފެލިވަރު ކްލަސްޓާއިން މުޅި ޅ. އަތޮޅަށް ވަނީ ބަލި ފެތުރިފަ އެވެ.