ހަނގުރާމަވެރި ފިރިހެނެއް ކަމުގައިވާ މުހައްމަދު އަލަތު ކައިވެނިކޮށްގެން އޭނާގެ އަންހެނުން އައިޝާ ގޮވައިގެންް ގެޔަށް އައުމަށްޓަކައި ދަތުރު ފެށިއެވެ. ގެޔަށް އައުމަށްޓަކައި ކުރަން ޖެހޭ ދަތުރުގައި ވަރަަށް ބޮޑު ކޯރެއް ހުރަސް ކުރަން ޖެހެއެވެ.
ކޯރު ހުރަސް ކުރުމަށްޓަކައި ކުޑަ ޑިންގީއަކަށް އަރައިގެން ދަތުރު ކުރަމުން އައިސް ކޯރުގެ މެދެއްހާ ހިސާބަށް އާދެވުނުތަނާ، ކުއްލިއަކަށް ވަރަށް ބޮޑަށް ވައިގަދަވެ ވަރުގަދަ ކޮޅިގަނޑެއް ބޯމަތިވެއްޖެއެވެ.
ކޮޅިގަނޑުގެ ބާރުގަދަކަމުން ޑިންގީގަނޑު ހީވަނީ އިސާހިތަކު ބަންޑުން ޖަހާލަފާނެ ހެންނެވެ.
މުހައްމަދު ވަރަށް ހަމަޖެހިލާފައި ފަލިޖަހާލަ ޖަހާލާ އިނެވެ. އެހެންނަމަވެސް އައިޝާ ހީވަނީ ބިރުން ފިއްކަނޑައިގެން ހިނގައިދާނެހެންނެވެ. ބާރަށް ހަޅޭއްލަވާފައި ގިސްލަގިސްލާފައި ރޮނީއެވެ. މިހެން އުޅެނިކޮށް އެއްފަހަރު އައިޝާޔަށް އޭނާގެ ފިރިމީހާ މުހައްމަދާއި ދިމާއަށް ބަލައިލެވުނެވެ. އެވަގުތު އައިޝާ ހައިރާންވެ އަންތަރީސް ވިއެވެ. މުހައްމަދަށް ކަމެއް ވެގެން އުޅޭހެނެއްވެސް ހީއެއް ނުވެއެވެ. ވަރަށް ހަމަޖެހިލާފައި ފަލިޖަހާލަ ޖަހާލާ އިނެވެ.
އައިޝާ ސުވާލުކޮށްލިއެވެ. "މުހައްމަދު ބިރެއްވެސް ނުގަނޭ ހެއްޔެވެ. މިއަދު އަހަރެމެނަށް ކޯރުގެ އައްސޭރި އަތު ނުވެ، ކަނޑުވެ މަރުވެއްޖެއްޔާ ކިހާ ދެރަހެއްޔެވެ".
މުހައްމަދު އޭނާގެ ކަނޑި އުރައިން ނަގައި އައިޝާގެ ކަނދުރާގައި ޖައްސާފައި ބުނެފިއެވެ. "އަހަރެން އައިޝާ މަރާލާނެ ކަމަށް އެބަ ބިރު ގަނޭހެއްޔެވެ".
އައިޝާ ބުންޏެވެ. "ތިޔަ ކަނޑި އޮތީ މުހައްމަދުގެ އަތުގައި ކަމުގައި ވާނަމަ އަހަރެން އެއްވެސް ވަރަކަށް ބިރެއް ނުގަނެއެވެ. ސަބަބަކީ ތިއީ އަހަރެންގެ ފިރިމީހާއެވެ. މުހައްމަދު އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން އަހަރެންނަށް އެނގެއެވެ. އަދި މުހައްމަދު އަހަރެންނަށް ދެރަގޮތެއް ނުހަދާނެކަންވެސް އަހަރެންނަށް އެނގެއެވެ".
މުހައްމަދު އޭނާގެ ކަނޑި އުރަޔަށް ލަމުން ބުންޏެވެ. "މި ކޮޅިގަނޑުގެ ވެރިރަަސްކަލާނގެ ގަންދީ ބުނަމެވެ. އަހަރެން އެއްވެސް ވަރަކަށް ބިރެއް ނުގަނެއެވެ. އަހަރެމެންނާއި އަދި މި ކޮޅިގަނޑުގެ ވެރިފަރާތަކީ މާތްﷲ އެވެ. އެކަލާނގެ އަހަރެމެން ދެކެ ލޯބިވެވޮޑިގެންވެއެވެ. އަދި އެކަލާނގެ އަހަރެމެންނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަހަރެންނަށް އެބައޮތެވެ. މިކޮޅިގަނޑުގައި އަހަރެމެން މަރުވިއަސް އަދި ސަލާމަތްވިއަސް އެއީ އެކަލާނގެ މިންވަރުފުޅެވެ. އަހަރެމެންނަށް ދެރަ ގޮތަކަށް އެކަލާނގެ މިންވަރު ނުކުރައްވާނެއެވެ.
ޢިބްރަތް؛ ތިބާޔަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ﷲ އަށް ވަކީލުކޮށް އެކަލާނގެއަށް އިތުބާރު ކުރާށެވެ. ތިބާޔަށް ކާމިޔާބާއި އުފާވެރިކަން އޮތީ އެގޮތުގައެވެ.
ތަރުޖަމާ: އަހުމަދު މިސްބާހު މުނީރު