ވެރިކަން ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންގެ ގޮތުގައި މިހާރު 93354 މީހުން ރަޖިސްޓްރީ ޖޮށްފައި އެބަތިބި ކަމަށާއި، އަންނަ މެއި މަހުގެ 29 ވަނަ ދުވަހު ބާއްވާ އެ ޕާޓިގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާނީ އެމްޑީޕީން ބަލަހައްޓަމުން އަންނަ ދަފްތަރަށް ކަމަށާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ން ބަލަހައްޓަމުން އަންނަ ދަފްތަރަށް ނޫން ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

"އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021،" އިއުލާން ކުރުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އިންތި ވިދާޅުވީ، 29 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލާ ކަމަށާއި، އެ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓްވެސް އިއުލާންކޮށް އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާކަމަށެވެ. ކެންޑިޑޭޓުންނަށް ކުރިމަތި ލުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މެއި މަހުގެ އަށްވަނަ ދުވަހުގެ 4:00 އަށް ކަމަށާއި، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހު 28 ވަނަ ދުވަހުގެ 4:00 ގެ ނިޔަލަށް އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި އިންތިހާބުގައި، ކެންޑިޑޭޓުންނަށް އޮންލައިންކޮށްނާއި ޕާޓީ އޮފީހަށް ފޮނުވައިގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، ކޮންމެ ކެންޑިޑޭޓަކުވެސް އިންތިހާބުގައި ވާދަކުރާ ފޯމުގެ އިތުރުން، ދާއިރާގެ ތާއީދު އޮތްކަން އަންގައިދިނުމަށް އެ ދާއިރާއަކަށް ކަނޑައަޅާފައިވާ އަދަދަށް މެންބަރުންގެ ސޮއި ހުށަހަޅަންވާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، ކެންޑިޑޭޓަށް މެންބަރުންގެ ތާއީދު އޮތް މިންވަރު އަންގައިދިނުމަށް، ދާއިރާގެ ރައީސުންނަށް ވާދަކުރާ ފަރާތްތަކުން އެ ދާއިރާއަކުން ޕާޓީގެ 50 މެންބަރުންގެ ސޮއި ހުށަހަޅަންވާނެ ކަމަށެވެ. އަދި ޕްރޮވިންސްތަކާއި ސިޓީތަކުގެ ރައީސުންނަށް ވާދަކުރާ ފަރާތްތަކުން އެ ދާއިރާއަކަށް ނިސްބަތްވާ 200 މެންބަރުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ މި އިންތިހާބުގެ އެމްޑީޕީގެ ޖުމުލަ 455 މަގާމަކަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ދާއިރާތަކުގެ ރައީސުންނާއި، ނާއިބު ރައީސުންނާއި ދާއިރާތަކުގެ ސެކްރެޓަރީންނާއި ސެކްރެޓަރީގެ ނައިބުންނާއި، މީޑިއާ ސެކްރެޓަރީންނާއި، ޕްރޮވިންސްތަކުގެ ރައީސުންނާއި ނާއިބު ރައީސުން ހިމެނޭ ކަމަށެވެ.

މި އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ މެއި މަހުގެ 29 ވާ ހޮނިހުރު ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަށް، މީހުން ދިރިއުޅޭ ރަށްރަށުގައި އެކަނި ކަމަށްވެސް އިންތި ވިދާޅުވިއެވެ.

އިންތިހާބުގައި ވޯޓު ލެވޭނީ މި އޭޕްރީލް މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޕާޓީގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، މި އިންތިހާބުގައި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު މެއި މަހުގެ ފަސްވަނަ ދުވަހު އާއްމު ކުރާނެ ކަމަށާއި، އެމަހުގެ ނުވަ ވަނަ ދުވަހު މަންދޫބުން ހުށަހެޅުމުގެ ފުރުސަތު ކެނޑިޑޭޓުންނަށް ހުޅުވާލާނެ ކަމަށެވެ. އަދި 12 މެއި ގައި އެ ދުވަހު ކެންޑިޑޭޓުންގެ، ކެނޑިޑޭޓް ނަންބަރާއި، ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު އިއުލާން ކުރާނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.