މި ރޯދަމަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މިގެނެސްދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓު ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ ސްޕެގެޓީ އަލިއޯލީ ރެސިޕީއެވެ.

120ގ ސްޕެގެޓީ (ރަނގަޅަށް ފެނުކައްކާ މަޑުކޮށްފައި)

1/2 ޖޯޑު އޮލިވް އޮއިލް

6-8 ލޮނުމެދު (ވަރަށް ތުނިކޮށް ކޮށާފައި)

1/2 ސައިސަމުސާ މުގުރި މިރުސް

ބޭނުންނަމަ ޕާމެޒާން ޗީޒު އަދި ކޮށާފައި ހުރި ޕާސްލީ ކޮޅެއް

ތަވައެއްގައި ތެޔޮކޮޅު ހޫނުކޮށްލުމަށްފަހު ލޮނުމެދު އަދި މުގުރި ހިކި މިރުސްކޮޅު 3-2 މިނެޓް ވަންދެން ހޫނުކޮށްލާށެވެ. ލޮނުމެދު ކޮޅު ނުއަނދާ ވަރަށް ހޫނުކުރަން ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

އެއަށްފަހު މީގެ ތެރެއަށް ފެނުކައްކައި މަޑުކޮށްފައި ހުރި ސްޕެގެޓީ ކޮޅު ބައި ބައިން އަޅަމުން، ލޮނުމެދު ސޯސްކޮޅާ ރަނގަޅަށް އެއްވަންދެން އެއްކުރަމުން ގެންދާށެވެ. އަދި ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް އަޅައި އެއްކޮށްލުމަށްފަހު، ބޭނުންނަމަ މައްޗަށް ޗީޒް އަދި ޕާސްލީކޮޅެއް އަޅާލެވިދާނެއެވެ.