ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑްރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީ (ސަރުކާރު) އަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ނުކޮށްދީފިނަމަ ސަރުކާރު ހުއްޓުމަކަށް އަތުވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.
އެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ނަމަވެސް މަޖިލީހުން ވަނީ އެ މުއްދަތު އިތުރު ނުކޮށްދީފައެވެ. އެކަމާ ގުޅިގެން އަނެއްކާ މިއަދު އެ މައްސަލަ މަޖިލީހަށް ހުށަހަޅައި، އެކަމަށް ގޮތެއް ނިންމުމަށް އެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ ނުވަ މެންބަރުންގެ ކޮމިޓީއަކަށް ފޮނުވައިފައެވެ.
އެ މައްސަލައާ ބެހޭގޮތުން ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޝިޒު ވިދާޅުވީ، މިމަހު 26 ގެކުރިން މުއްދަތު އިތުރުކޮށް ނުދީފިނަމަ "ގަވާމެންޓް ދާނީ ޝަޓްޑައުންއަކާ ދިމާލަށް ކަމަށް ހީވާ،" ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަޖިލީހުން ދިން އެއް އަހަރު ދުވަހުގެ ހުއްދައިގެ މުއްދަތު މިމަހު 26 އަށް ހަމަވާނެ އެވެ.
ނަމަވެސް ކުރިންވެސް ހުއްދަ ދިންގޮތަށް، ކަމާބެހޭ ގާނޫނުގައި ހިމެނޭ މާއްދާތަކަށް އަމަލު ކުރުން ސަސްޕެންޑްކޮށް އެކަމަށް ދީފައިވާ މުއްދަތު އެއް އަހަރަށް އިތުރު ކޮށްދިނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ރާއްޖޭގެ އިގްތިސާދު އަދިވެސް ހަމައަކަށް އެޅިފައި ނުވާތީއެވެ.
ނާޝިޒު ވިދާޅުވީ، މުއްދަތު ހަމަވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ކުއްލިއަކަށް އެކަން ހައްލު ކުރާނެ އިތުރު ގޮތެއް ނެތް ކަމަށެވެ.
މިވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، ދައުލަތުގެ ކޭޝްފްލޯ ޝޯޓޭޖްގެ ބައެއް މެނޭޖު ކުރުމުގައި، ހިލޭ އެހީ އާއި ސަރުކާރަށް ލިބުނު އާމްދަނީގެ އިތުރުން "ދެން ފައިނޭންޝަލީ ޝޯޓްވާބައި މެނޭޖު ކުރީ ޕަބްލިކް އެކައުންޓް އޯޑީ ކޮށްގެން،" ކަމަށް ނާޝިޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް