ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ހިމަނައިގެން، ފައިސާ ޗާޕު ކުރުމުގެ މުއްދަތު އިތުރު ކުރުމުގެ މައްސަލަ ދިރާސާކުރާ ކޮމިޓީ އެކުލަވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހަޅުއްވައި، އެކަމަށް ގޮތެއް ކަނޑައެޅުމަށް ހުށަހެޅުންތައް ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި، އެ މައްސަލަ ނުވަ މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި ގޮތަށް ފާސް ވުމުން، އެ ކޮމިޓީ އެކުލަވާލަން ރިޔާސަތުން މަޖިލިސް ރައީސް ފުރުސަތު ހުޅުވައިލެއްވިއެވެ.

އެ ފުރުސަތުގައި ދެ ކޮމިޓީއެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅިއެވެ.

ފުރަތަމަ ހުށަހެޅުމަކީ، އަލިފުށީ ދާއިރާގެ މެންބަރު ހުށަހެޅުއްވި ކޮމިޓީއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ހުޅޫދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު، ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ.

ދެވަނަ ކޮމިޓީއެއް ހުށަހެޅުއްވީ، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އާލީ އާޒިމް ހުށަހެޅުއްވި ލިސްޓުން އުނި ކޮށްފައި ވަނީ، ހަމައެކަނި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުގެ ނަމެވެ.

ނާޝިޒުގެ ބަދަލުގައި އަލީ އާޒިމް ހިމަނުއްވާފައި ވަނީ، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިންގެ ނަމެވެ.

އަލީ އާޒިމްގެ ހުށަހެޅުއްވުމާ ގުޅިގެން، އެ ކޮމިޓީ ފާސްކުރަން ވޯޓަށް އެއްސެވުން ފަސްކޮށްލެއްވުމަފަހު، ދެ މެންބަރުންގެ ހުށަހެޅުއްވުމުގައި އެއް މެންބަރެއްގެ ތަފާތު ހުރުމުން ދެ މެންބަރުން ވާހަކަ ދައްކަވައިލައްވައިގެން ލިސްޓާ މެދު ގޮތެއް ނިންމުމަށް ފަސް މިނިޓްގެ ފުރުސަތެއް މަޖިލިސް ރައީސް ދެއްވިއެވެ.

އެފުރުސަތުގައި ދެ މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު، އަލީ އާޒިމް ހުށަހެޅުއްވި ލިސްޓަށް ދެބޭފުޅުން އެއް ބަސްވެވަޑައިގެންނެވިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ތާއީދު ކުރެއްވި، އެ ކޮމިޓީއަށް ވޯޓަށް އެއްސެވުމަށް، މަޖިލީހުން އެކޮމިޓީ ފާސްކުރީ ޖަލްސާގައި ތިއްބެވި، 52 މެންބަރުންގެ ތެރެއިން 48 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެހެންކަމުން އެ ކޮމޓީގައި މިހާރު ހިމެނި ވަޑައިގަންނަވަނީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ، ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހުސެއިން ޝަހީމް، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު، ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ.