ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން ހޯދާ ކުރިއެރުންތަކަށް ފިންލޭންޑުން މަރުހަބާ ކިޔައިފި

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އާންމު ކުރާ ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާ ލިސްޓުން ރާއްޖެއިން ހޯދާ ކުރިއެރުންތައް ފާހަގަކޮށް، ފިންލޭންޑުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

މިދިޔަ އަހަރު ''ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'' އިން ރާއްޖެއަށް 79 ލިބިފައިވާ އިރު، މިއަހަރު ހަތް ދަރަޖައިގެ ކުރިއެރުމަކާއެކު ރާއްޖެއަށް ވަނީ މި ލިސްޓުގެ 72 ވަނަ ލިބިފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން ހޯދި ކުރިއެރުން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއް ރީޓުވީޓުކުރައްވަމުން ފިންލޭންޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރޯ ކަމަރައިނެން މިއަދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން ހޯދަމުން އަންނަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ކަމަށާއި އެކަމަށް ރާއްޖެއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ސަފީރު ވިދާޅުވީ ރާއްޖެއިން ޑިމޮކްރަސީއަށް އަޅަނީ ހަމައެކަނި ފިޔަވަޅުތަކެއް ނޫން ކަމަށާއި ޑިމޮކްރަސީ ވަރުގަދަކުރުމަށް ރާއްޖެއިން އެ އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ކަމަށެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށްފަހު ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާ ލިސްޓުން ރާއްޖެއަށް ކުރިއެރުން ލިބުނު ދެވަނަ އަހަރެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި އެ ލިސްޓުން ރާއްޖެ ވަނީ 17 ދަރަޖަ ފަހަތަށް ޖެހިފައެވެ.

އެ ލިސްޓުގައި 180 ގައުމެއް ހިމެނޭ އިރު، އެއްވަނައިގައި އޮތީ ނޯވޭއެވެ. ދެވަނައިގައި ފިންލެންޑު އޮތް އިރު، ސްވިޑްން އަށް ލިބިފައިވަނީ ތިންވަނައެވެ. ލިސްޓުގެ އެންމެ ފުލުގައި އޮތީ އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރިއާއެވެ.