ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް އެ މުއްދަތު އިތުރު ނުކޮށްދޭން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
އެ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވީ އިއްޔެއެވެ. އެއީ އެމްއެމްއޭ އިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭނެ ކަމަށް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ލިމިޓް މަތިކޮށް، 4.4 ބިލިއަން ރުރިޔާ އެމްއެމްއޭ އިން ނެގުމުގެ ހުއްދަ ދިނުމަށްފަހު އެ އަދަދު އަނބުރާ ދައްކަން މަޖިލީހުން ދިން އެއް އަހަދު ދުވަހުގެ މުއްދަތު މިމަހުގެ 26 އަށް ހަމަވާތީއެވެ.
އެގޮތަށް ފައިސާ ނެގުމަށް ސަރުކާރަށް ހުއްދަ ދިނުމަށް، ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ އާއި ރ، އަދި ބ. އަށް ސަރުކާރުން އަމަލުކުރަން ނުޖެހޭ ގޮތަށް މުއްދަތެއް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެއެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ސަރުކާރުން ދަރަންޏަށް މަރުކަޒީ ބޭންކުން ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އެގޮތަށް ނެގޭނީ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށް ނުވާ ރޭޓެއްގައި އެޑްވާންސްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެއެވެ. އެމްއެމްއޭ އިން ދަރަންޏަށް ފައިސާ ނެގޭނެ މިންވަރެއް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.
އެގޮތުން އެ މާއްދާގެ (ރ)ގައި ވަނީ ޖެނުއަރީ 1، 2016 އިން ފެށިގެން ސަރުކާރަށް ދަރަނީގެ ގޮތުގައި ފައިސާ ނަަގަން ވާނީ ތަރައްގީގެ މަޝްރޫއުތަކަށާއި އިގުތިސޯދީ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ދަރަނި އަދާކުރުމަށް ދަރަނި ނެގުން އެ މާއްދާއިން ވަނީ މަނާކޮށްފައެވެ. އެ މާއްދާގެ (ބ)ގައި ބުނަނީ (ރ) ގައިވާ އުސޫލުގެ އިސްތިސްނާ ހާލަތެވެ. އެއީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރަން އެމްއެމްއޭ އިން ފައިސާ ނަަގަން ދީފައިވާ ހުއްދައެވެ. އެ މާއްދާގައިވާ ގޮތުން އެގޮތަށް ނަގާ ފައިސާ 14 ދުވަހުގެ ތެރޭގައި އެމްއެމްއޭ އަށް އަނބުރާ ދައްކަން ޖެހޭނެއެވެ.
އެ މާއްދާތައް ސަސްޕެންޑްކޮށް ހުސްވި ފައިސާ ނެގޭ ލިމިޓް މަތިކޮށްދިނުމުގެ އިތުރުން އެ ފައިސާ އަނބުރާ ދައްކާ ނިންމަންޖެހޭ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ހުސްވި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގު 26 ގައެވެ.
އެ މުއްދަތު އިތުރު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އިއްޔެ އާއި މިއަދު ކުރިއަށްދިޔަ ބަހުސްގައި ދެ ގޮތަކަށް ހުށަހެޅުނެވެ. ފުރަތަަމަ ހުށަހެޅުމަކީ އެ މައްސަލަ ހާއްސަ ކޮމިޓީއަކަށް ގެންގޮސްގެން ދިރާސާ ކުރުމަށްފަހު އެ މުއްދަތު އިތުރު ކުރުމަށް ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ. ދެވަނަ ހުށަހެޅުމަކީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެ މުއްދަތު އިތުރު ކޮށްދިނުމަށް ފާސްކޮށްދިނުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.
ނަމަވެސް އެ ދެ ހުށަހެޅުމުގެ ތެރެއިން ތާއީދު ލިބުނީ ހަސަން އަފީފުގެ ހުށަހެޅުމަށެވެ. އެހުށަހެޅުމަށް ތާއީދު ކުރެއްވީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.
ނަމަވެސް މިއަދުގެ ވޯޓަށް އެހުމުގެ ވަގުތުގައި، ހަސަން އަފީފު ހުށަހެޅުމަށް ވޯޓަށް އެހުމުން އެގޮތަށް ފާހެއް ނުވިއެވެ. ވޯޓަށް އެހި އިރު ޖަލްސާގައި 66 މެންބަރުން ތިއްބެވި ނަމަވެސް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ނުފެންނަ ކަމަށް 48 މެންބަރުން ވޯޓު ދެއްވިއެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކުރަން 31 ވޯޓު ބޭނުންވެއެވެ.
ވޯޓަށްފަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ހުށަހެޅުން ފާސް ނުވުމުން މުޅި މައްސަލައާ ގުޅޭ ގޮތުން އެއްވެސް ކަމެއް ފާސްނުވީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު