ކަނޑޫދޫގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޯ ކަނޑޫދޫ ޑިވެލޮޕްމަންޓް (އޭކޭޑީ)ގެ ފަރާތުން ރޯދަ ހަދިޔާގެ ގޮތުގައި ކަނޑޫދޫ ހުރިހާ ގޭބިސީއަކަށް ކަނޑުމަސް ބަހައިފިއެވެ.
އޭކޭޑީގެ ރައީސް އަހުމަދު ޝަފީގު "ވަން" އަށް ވިދާޅުވީ، ގާތްގަނޑަކަށް 120 ގޭބިސީއަކަށް ކަނޑު މަސް ބަހާފައިވާ ކަމަށެވެ. އަދި އެންމެ މަދުން ކަނޑު މަސް ބެހި ގެއަށްވެސް ހަ މަސް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރަށުގެ ހުރިހާ ގެއަކަށް މަސް ބެހިން. އޭގެ ތެރޭގައި ބިދޭސީން އުޅޭ ގޭގެ ވެސް ހިމެނޭނެ. އެންމެ މަދުން ލިބުުނު ގެތަކަށްވެސް ހަ މަސް ލިބޭނެ. ދެން ގިނައިން ލިބުނު ގެތަކަށް 15 މަހާއި ހަމައަށް ދެވުނު" ޝަފީގު ވިދާޅުވިއެވެ.
ޝަފީގު ވިދާޅުވީ، ގާތްގަނޑަކަށް 1،200 ކިލޯގެ މަސް ރަށުގެ ގޭބިސީތަކަށް ބެހިކަމަށެވެ.
"އަޅުގަނޑުމެން ޖަމިއްޔާއިން މަސް މިގަތީވެސް. ކޮންމެ އަހަރަކުވެސް ރަމަޟާން މަހު އަޅުގަނޑުމެން ގެންނަން ހާފިޒެއް، ނަމަވެސް މި ދެ އަހަރު ނުގެނެވި މިދިޔައީ. މިދިޔަ އަހަރު އަޅުގަނޑުމެން ބެހީ ކާޑުގެ ބާވަތްތައް. އެގޮތަށް މިއަހަރު މަސް މި ބެހީ" ޝަފީގު ވިދާޅުވިއެވެ.
އޭކޭޑީ އަކީ 2011 ވަނަ އަހަރު ވުޖޫދުވި ޖަމިއްޔާއެކެވެ. ގާތްގަނޑަކަށް 120 މެންބަރުންގެ މައްޗަށް އެކުލެވޭ އޭކޭޑީން މީގެ ކުރިން ވަނީ ކަނޑޫދޫގެ ކުރިއެރުމަށާއި ލާބައަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.