ލައިފް ސްޓައިލް

ވަން ފިނިބުރު: ރޯދަމަހާއި ކޮވިޑާއެކު ސުކޫލުތަކުގެ ކިޔެވުން

މިދިޔަ ރަމަޟާން މަސް އަހަރެމެންނާ ބައްދަލުކުރީ ކޮވިޑުގެ ސަބަބުން ފުލް ލޮކްޑައުން އަކަށް ގޮސްފައިވަނިކޮށެވެ. އެގޮތުން ސުކޫލުތަކުގެ ކިޔެވުމާއި އޮފީސްތައް ވެސް ވަނީ ބަންދުކުރެވިފައެވެ.

ލޮކްޑައުންގެ ސަބަބުން ރަމަޟާންމަހުގައި އެކިއެކި ގޭބިސީތަކުގައި ދިރިއުޅޭ އާއިލާ އަދި ގާތްތިމާގެ މީހުން ގާތަށް ޒިޔާރަތް ނުކުރެވުނު ކަމުގައި ވީނަމަވެސް، ގޭތެރޭގެ ގުޅުންތައް ބަދަހިވެގެން ދިއުމަށާއި އަޅުކަމަށް ވަގުތު ހުސްކުރުމަށް ލިބުނު ރަނުގެ ފުރުސަތަކަށް މިދިޔަ ރޯދަމަސް ވެގެން ގޮސްފައިވެއެވެ.

މިދިޔަ އަހަރުގެ ރޯދަމަހަކީ ދަރިވަރުން އެއްވެސް ވަރަކަށް ސުކޫލަށް ދާން ނުޖެހުނު ރޯދަމަހެއްކަމުން ގިނަ ކުދިންނަށް އޭގެން ނޭދެވޭ އަސަރު ކުރިއެވެ.

ކުޑަކުދިންނަކީ މިހާރަކަށް އައިސް ރޯދައަށް ތިބުމުގެ މަތިވެރި އާދަ އަށަގަންނުވަން މަސައްކަތްކުރާ ކުދީންނެވެ. މި އުމުރުގެ ކުދިން ހަފުތާ ބަންދު ދުވަސްތަކުގައި ރޯދަ ހިފުމަށް ޝައުގުވެރި ވެ، އެ އާދަ ހިފެހެއްޓުމަށް މަސައްކަތްކުރެއެވެ. އެހެންކަމުން މިދިޔަ ރޯދަ މަހު ކިޔެވުން ބަންދުވެފައި އޮތް އޮތުން ވެގެން ދިޔައީ އެ އުމުރުގެ ކުދިންނަށް ގިނަ ރޯދަތައް ހިފުމަށް ލިބުނު ފުރުސަތަކަށެވެ. އަދި މަތީ އުމުރު ފުރައިގެ ދަރިވަރުންނަށް، ރޯދައަށް ތިބެ ބަރު ދަބަހާއެކު އަވީގައި ސުކޫލަށް ދާން ދެކޮޅަށް ހިނގަން ނުޖެހުން ވެގެން ދިޔައީ އެކުދިންގެ މޫނުމައްޗަށް ވެސް ހިނިތުންވުން ގެނުވި ކަމަކަށެވެ.

ނަމަވެސް ސުކޫލުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން، މަންހަޖު ފުރިހަމަ ނުކުރެވި، ދިރާސީ ދައުރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ޓާމު ދިގުކުރެވި، ދަރިވަރުންގެ ދިރާސީ ދައުރުން އެއް އަހަރު އުނިވެގެން ދިޔައެވެ.

އެއަހަރުގެ މެދުތެރޭގައި ހާއްސަ ފިޔަވަޅުތަކާއެކު ''ނިއު ނޯމަލް' ނުވަތަ އާ އާއްމު ހާލަތުގައި މަތީ ގުރޭޑުތަކަށް ހަފުތާއަކު 2-3 ދުވަހު ސުކޫލަށް ގޮސްގެން ކިޔަވަން ޖެހޭ ގޮތަށް، އަދި ދަށް ގުރޭޑުތައް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖެހުނެވެ.

ރާއްޖެއަށް، އަދި ހާއްސަކޮށް މާލެއަށް އަރައިފައިބަމުން ދިޔަ ކޮވިޑުގެ ބިޔަ ރާޅުތަކާއެކު ދަރިވަރުންގެ ކިޔެވުމަށް ދިޔައީ ބުރޫ އަރަމުންނެވެ. ކޮވިޑުގެ ހާލަތަށް ބަލައި ސްކޫލުތައް ހުޅުވާލުމާއި ބަންދުކުރުން އެތައް ބުރަކަށް ބަދަލުކުރެވިގެން ގޮސްފައިވެއެވެ.

ކަން މިހެން ހުރިކަމުގައި ވީނަމަވެސް ސްކޫލްތަކުގެ މާހައުލަކީ އެންމެ ރައްކާތެރި ފިޔަވަޅުތަކާއެކު ތައުލީމު ދެމުން އައިސްފައިވާ ތަންތަން ކަން ފާހަގަކޮށްލެވެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވާން ފެށުމާއެކު ސްކޫލްތައް ބަންދުކުރެވި އޮންލައިންކޮށް ކިޔަވައިދޭގޮތަށް ބަދަލުކުރެވި، މިދިޔަ އަހަރުގެ ފަހުކޮޅު ގްރޭޑް 7 އިން މަތީގެ ދަރިވަރުން ހާއްސަ ފިޔަވަޅުތަކާއެކު އަލުން ސްކޫލަށް ގޮސްގެން ކިޔަވަންޖެހޭ ގޮތަށް ހަމަޖައްސަވައި، ދަށް ގްރޭޑްތަކުގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް އޮންލައިންކޮށް ކުރިއަށް ގެންދެވުނެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން މިދިޔަ އަހަރުގެ ފަހުކޮޅު ފުރިހަމަކުރެވިގެން ދިޔައީ މިފަދައިން ކުރިއަށް ގެންގޮސްގެނެވެ.

މިއަހަރުގެ ކުރީކޮޅަށް ބަލާއިރު ދެވަނަ ޓާމުގެ ކިޔެވުން ކުރިޔަށް ދަނީ ހުރިހާ ސްކޫލުތަކެއްގައި ޖަނަވަރީ މަހު ފެށިގެން ދިޔައީ ހާއްސަ ފިޔަވަޅުތަކާއެކު ހުރިހާ ގުރޭޑުތަކަށް ހަފުތާއަކު 2-3 ދުވަހު ސުކޫލަށް ގޮސްގެން ކިޔަވައިދޭ ގޮތަށް ހުޅުވާލައިގެންނެވެ.

ނަމަވެސް މާލެ ތެރޭގެ ކޮވިޑުގެ ހާލަތު ގޯސްވާން ފެށުމުން އަނެއްކާވެސް ކުރީން އޮތް ގޮތަށް އިޔާދަކުރެވި ގުރޭޑު 6 އިން ދަށަށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކުރެވިގެން ދިޔައެވެ.

މިއަހަރުގެ ރޯދަ މަހާ ބައްދަލުވާން ހަފުތާއަކަށް ވުރެ ކުޑަތަންވެފައި ވަނިކޮށް މިވަނީ ސުކޫލުތަކުގެ ނާސަރީ އަދި ބޭބީ ނާސަރީ ފިޔަވާ ހުރިހާ ގްރޭޑަކަށް ކިޔަވައިދިނުން ހަފުތާއަކު 2-3 ދުވަހު ސްކޫލްތަކަށް ގޮސްގެން ކިޔަވައިދޭ ގޮތަށް ފަށާފައެވެ.

އެހެންކަމުން މިދިޔަ ރޯދަމަހާ އަޅައި ބަލާއިރު މި ރޯދަމަހު ފެންނަ މަންޒަރު ވަރަށް ތަފާތެވެ. އޮފީސްތަކަށާއި ސުކޫލުތަކަށް އަދި އެހެނިހެން ކަންކަމުގައި ދުވާލުގެ ގަޑިތަކުގައި މަގުމަތިން މީހުން ފެންނަލެއް ގިނައެވެ.

ރޯދަމަހު ސުކޫލުތައް ބަންދުވެފައި އޮތުމަކީ ގިނަ ދަރިވަރުން އަދި ބެލެނިވެރިންވެސް އެދިއެދި ތިބޭނެ ކަމެއް ކަމުގައި ވީނަމަވެސް، މަންހަޖުތައް ފުރިހަމަކުރުމަށާއި އިމްތިހާނުތައް ރޭވިފައި ހުންނަގޮތުން، މިފަދައިން ބަންދުކޮށްގެން ތިބުމަކީ ހައްލެއްކަމުގައި ގިނަ ފަހަރު ނުވެއެވެ.

ބައެއް ބެލެނިވެރިންގެ ޝަކުވާއަކީ ގިނަދުވަސްތަކެއް ވަންދެން ދަށް ކީސްޓޭޖަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް އޮތް އޮތުން ރަމަޟާން މަހާ ބައްދަލުކުރަން ކުޑަތަން ވެފައި ވަނިކޮށް މަދު ގަޑިތަކަކަށް ސުކޫލުތައް ހުޅުވާލުމެވެ.

''ސްކޫލްތަކަށް ރޯދަމަހު އޮންލައިންކޮށް ކިޔަވައިދިނުމަކީ އެންމެ ރަނގަޅު ހައްލު. ރޯދައާ ދިމާކޮށް ސްކޫލްތައް ހުޅުވާލުމުގެ އަސްލު ބޭނުމެއް ނެތް.'' ބެލެނިވެރިއަކު އޭނާއަށް ފެންނަ ގޮތް ހިއްސާކުރިއެވެ.

ނަމަވެސް ބައެއް މުދައްރިސުން ފާހަގަކުރައްވާ ގޮތުގައި އޮންލައިންކޮށް ކިޔަވައިދިނުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ބައެއް ފަހަރު ދަރިވަރު ކަނޑައެޅިފައިވާ ގަޑިތަކަށް ކްލާހަށް ވަނުމުގައި ނުކުންނަ މައްސަލަތަކާއި ފިލާވަޅުތައް މުދައްރިސުންގެ ފުރިހަމަ ބެލުމުގެ ދަށުން ހެދިފައި ނުހުރުމުގެ އިތުރުން ދަރިވަރާ ސީދާ ބައްދަލު ނުވެ، ކިޔަވައިދިނުމުގައި ކުއްޖާގެ ސަމާލުކަން ގެއްލިގެން ދިޔުން ފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ.

ކޮންމެއަކަސް ތައުލީމަކީ ސުކޫލުތަކަށް ގޮސްގެން ނޫނީ ފުރިހަމައަށް ހާސިލު ކުރެވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން އެއް މަސް ދުވަސް އެއްކޮށް ރަމަޟާން މަހަށް ބަންދުކޮށްލުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުވެދާނެއެވެ. ނަމަވެސް ގިނަ ބެލެނިވެރިން އަދި ދަރިވަރުންގެ އުއްމީދަކީ މުސްތަގުބަލުގައި ރޯދަ މަހާ ދިމާކޮށް ދިރާސީ އަހަރުން ބޮޑު ބައެއް ޓާމު ބުރޭކަށް ނުވަތަ ޗުއްޓީއަކަށް ވަންނަ ގޮތަކަށް ސަރުކާރުން ބައްޓަން ކޮށްދިނުމެވެ.