ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަހުސަން މުހައްމަދަށް ފުލުހުން އަނިޔާކުރިކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގުކުރަން ފަށައިފިއެވެ.
އަހުސަން ބަންދުކޮށްފައިވަނީ ދުނިޔޭގެ ނުރައްކާތެރި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ހަމަލާތަކެއް ދޭން އުޅުނު މައްސަލައިގައެވެ. އެ މައްސަލައިގައި އަހުސަން ހިމެނޭހެން އަށް މީހަކު ހައްޔަރުކުރިއެވެ.
އެޗްއާރުސީއެމުން މިއަދު ބުނީ އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ ރޭ 10:00 ހާއިރު ކަމަށެވެ. އަދި އެކަން އެ ކޮމިޝަންގެ ސަމާލުކަމަށް އައުމުން ކޮމިޝަންގެ ޓީމެއް ރޭ ދަންވަރު ދޫނިދުއަށް ގޮސް އަނިޔާ ލިބުނުކަމަށް ބުނާ ފަރާތާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
"ކޮމިޝަނުން މި މައްސަލަ ބަލަމުންދާކަން އާއިލާއަށްވެސް ވަނީ ސާފުކޮށްދެވިފައެވެ. މި މައްސަލަ އެންޓި-ޓޯޗާ ގާނޫނުގެ ދަށުން އެޗްއާރުސީއެމުން ތަހުގީގު ކުރާނެކަމުގައި ދަންނަވަމެވެ." އެޗްއާރުސީއެމުން ބުންޏެވެ.
އަހުސަން ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުންކޮށްފައިވާ ގޮތާ މެދު އާއިލާއިން ޝަކުވާ ހުށަހަޅާފައިވާތީ އެ ޝަކުވާއަށް ރިއާޔަތްކޮށް ފުލުހުން ބުނީ، އަހުސަން ގޮޅިން ބޭރަށް ނެރުނީ ގޮޅީގައި ހަރުކޮށްފައި ހުރި ކެމެރާއަށް ނުފެންނަ ގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާ ގުޅިގެން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އަހުސަން ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައި ހުރި ދަތް އުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އޭނާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އަހުސަން ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައް ދީފައިވާ ކަމަށެވެ.
ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަހުސަން އިންކާރުކޮށް، އޭނާ ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ފުލުހުން ވަަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް އޭނާ ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވައިފައެވެ. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި ގޮޅިއަށް އަހުސަނު ވައްދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، ފުލުހުން އަމަލުކޮށްފައިވަނީ ގާނުނާއި ގަވާއިދާ އެއްގޮތަށްތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލުތަކުގެ ތެރެއިންތޯ ބެލުމަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީއަށް ހުށަހަޅައި ބަލަމުން އަންނަ ކަމަށެވެ. މިގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ހިލާފަށްކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު