ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި މީހަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމުން އެކަން ހިނގި ގޮތް ފުލުހުން ކިޔައިދީފިއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަހުސަން މުހައްމަދު ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުންކޮށްފައިވާ ގޮތާ މެދު އާއިލާއިން ޝަކުވާ ހުށަހަޅާފައިވާތީ އެ ޝަކުވާއަށް ރިއާޔަތްކޮށް ފުލުހުން ބުނީ، އަހުސަން ގޮޅިން ބޭރަށް ނެރުނީ ގޮޅީގައި ހަރުކޮށްފައި ހުރި ކެމެރާއަށް ނުފެންނަ ގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާ ގުޅިގެން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ކަމަށެވެ.

އަހުސަން ބަންދުކޮށްފައިވަނީ ދުނިޔޭގެ ނުރައްކާތެރި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ހަމަލާތަކެއް ދޭން އުޅުނު މައްސަލައިގައެވެ. އެ މައްސަލައިގައި އަހުސަން ހިމެނޭހެން އަށް މީހަކު ހައްޔަރުކުރިއެވެ.

ފުލުހުން ބުނީ އަހުސަން ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައި ހުރި ދަތް އުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އޭނާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އަހުސަން ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައްދީފައިވާ ކަމަށެވެ.

ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަހުސަން އިންކާރުކޮށް، އޭނާ ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ފުލުހުން ވަަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް އޭނާ ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައެވެ. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި ގޮޅިއަށް އަހުސަނު ވައްދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، ފުލުހުން އަމަލުކޮށްފައިވަނީ ގާނުނާއި ގަވާއިދާ އެއްގޮތަށްތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލުތަކުގެ ތެރެއިންތޯ ބެލުމަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީއަށް ހުށަހަޅައި ބަލަމުން އަންނަ ކަމަށެވެ. މިގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ހިލާފަށްކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.