މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ޗައިނާއިން މަރުހަބާ ކިޔައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި މުއިއްޒު ވަނީ ތަފާތު ބޮޑު ނަތީޖާއަކުން މާލޭގެ މޭޔަރުކަން ކާމިޔާބު ކުރައްވައިފައެވެ. މުއިއްޒުގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ ބޮޑު އަގުލަބިއްޔަތެއްވެސް ލިބުނީ އިދިކޮޅު ޕީޕީއެމްއަށެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ، އިންތިހާބީ މޭޔަރު ޑރ. މުއިއްޒަށް އެ ގައުމުން މަރުހަބާ ދެންނެވީ އެ އެމްބަސީ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޔޫ ޒުއެންގް، މުއިއްޒުއާ ފޯނުން ގުޅުއްވައި ކަމަށެވެ. އެ ފޯނު ކޯލުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޖަންގް ލޮޖޮންގް ދައުރު ހަމަވުމާ ގުޅިގެން އޭނާ ވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ.

ރާއްޖޭގައި ޗައިނާގެ އެހީގައި ބޮޑެތި މަޝްރޫއުތަކެއް ހިންގި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރަކީ މުއިއްޒެވެ. ކުރީ ސަރުކާރުން ޗައިނާއާ ގުޅުން ބަދަަހިކުރި ނަމަވެސް މި ސަރުކާރުން ގާތް ގުޅުމެއް ބާއްވަމުން އަންނަނީ ޗައިނާގެ ވާދަވެރި އިންޑިއާއާއެވެ.