ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

ސޯސަންމަގުގައި ހުންނަ އެމްޑީޕެ އޮފީހުގެ ބިއްރޫލިގަނޑު ތަޅާލާފައިވަނީ މަގުމަތީ ގަލެއް އެއްލައިގެންނެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި މިވަނީ، ނަތީޖާ އިތުރަށް ކަށަވަރު ކުރުމަށް މިއަދު 18 ވޯޓު ފޮށިތައް ދެވަނަ ފަހަރަށް ގުނަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމުމުން އެކަމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިއަދު މެންދުރު އިންތިހާބާބެހޭ މަރުކަޒު ތެރެއަށް ވަދެ އިހުތިޖާޖު ކޮށްފައިވަނިކޮށެވެ.

އަދި އެ އިހުތިޖާޖު ކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. އެއާއެކު އެ ސަރަހައްދުގެ މަސްރަހު ހޫނުވެ، ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިއެވެ. އަދި ފަހުން ރައީސް ނަޝީދު ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އީސީގެ އިދާރާ ދޮށަށް ދާން ޖެހުނީ ޓީ4ގެ ވޯޓު ފޮށި އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އީސީ އިދާރާއަށް ވަދެވަޑައިގެން 30 މިނެޓް ވީއިރުވެސް ނުނިކުންނެވުމުން ކަމަށެވެ. އަދި ހުންނެވީ އެތަނުގެ ބޭރުގައި ކަމަށް ވިދާޅުވިއެވެ.