ލައިފް ސްޓައިލް

ދަބަސް އަޅަނީ ކިހިނެއް؟ އެކަމުން ތިއީ ކޮންކަހަލަ މީހެއްކަން އެނގިދާނެ

ދަބަސް އަޅާގޮތަކުންވެސް ތިއީ ކޮންކަހަލަ މީހެއްކަން އެނގިދާނެކަމަށް، ބޮޑީ ލެންގުއެޖް އެކްސްޕާޓެއް ކަމަށްވާ ޕެޓީ ވުޑް ބުނެއެވެ. އޭނާ ބުނާ ގޮތުގައި ދަބަސް އަޅައިގެން ހިނގާ ގޮތަކުން ވެސް މީހާގެ ހައިބަތާ، އޭނާއަށް ކަމުދާ ކަންކަން، އަދި ހަޔާތާ މެދު ދެކޭ ގޮތް ކޮންމެވެސް ވަރަކަށް އަންގައިދޭނެއެވެ. ސައިކޯ ތެރަޕީ ދާއިރާގައި މަސައްކަތްކުރައްވާ ޕީއެޗްޑީ. ކެތުލީން ހެންޑްރިކްސް ވެސް ބުނާގޮތުގައި ދަބަސް ގެންގުޅޭ ގޮތުން މީހާގެ މިޒާޖު އަންގައިދެއެވެ.

ފަހަތުން ދަބަސް އަޅާހިތްވާ މީހުން

ފަހަތުން ދަބަސް އަޅާހިތްވާ މީހުންނަކީ މިނިވަން ހިޔާލު ގެންގުޅޭ، އަދި ކަންކަން ތަޖުރިބާ ކުރަން ޝައުގުވެރިވާ ބައެކެވެ. ކޮންމެ ވަގުތަކުވެސް ދަތުރު ކުރަން ތައްޔާރަށް ތިބޭ އަދި ކޮންމެ ހާލަތަކާވެސް ބައްދަލުކުރަން ޝައުގުވެރިކަން ހުރުން މިފަދަ މީހުންގެ ކިބައިން ފާހަގަ ވާނެއެވެ.

މީހުން އޭނާއާ ދޭތެރޭ ހީކޮށްފާނެ ގޮތަކަށް މިފަދަ މީހުން މާބޮޑަކަށް ނުވިސްނާނެއެވެ. ދަބަސް ގެންގުޅުމުގައި މިފަދަ މީހުންނަށް މުހިއްމު ވާނީ ހައްޓަށް ފަސޭހަވާނެ ގޮތަށް ގެންގުޅޭށެވެ.

ގިނަ މީހުންނަށް މިފަދަ މީހުން ކަމުދަނީ އެމީހުންނަކީ އަމިއްލައަށް ފުދިގެން ހިތްހަމަ ޖެހޭ މީހުންގޮ ތުގައި ފާހަގަކުރެވޭތީއެވެ.

ދަބަސް އަތުން ހިފަހައްޓާލައިގެން ހިނގުން

މިއީ އަތުން ބްރީފްކޭހެއް ހިފައިގެން ހިނގާ ގޮތަށް ދަބަސް ގެންގުޅޭ ހިތްވާ މީހުންނެވެ. މިފަދަ މީހުންގެ މިޒާޖު ބުނެދެނީ އެއީ ހުރިހާ ބާރެއް މުށުތެރޭގައި ގެންގުޅޭ ހިތްވާ ބައެއް ކަމެވެ. އަދި އެމީހުންގެ ޕްރޮފެޝަނަލް ހަޔާތް ކާމިޔާބު ވާނެއެވެ.

އަބަދުވެސް ހުރިހާ ކަމެއްގެ އެންމެ ފަހުގެ މައުލޫމާތު މިފަދަ މީހުން ހޯދައި ހަދައެވެ. އަދި ބައެއް ހާލަތްތަކުގައި އަނެކާގެ ކަންކަން އޭނާއަށްވުރެ ބޮޑަށް ބުނެދޭން މިފަދަ މީހުންނަށް އެނގެއެވެ.

މިހުރިހާ ކަމެއްގެ ސަބަބުން ގިނަ ބަޔަކު މި މީހުންނާ ގަޔާ ވެއެވެ. އެފަދަ މީހުންގެ ތަނަވަސް ހިޔާލާއި، ޔަގީންކަމާއި، އުފެއްދުންތެރިކަމުގެ ސަބަބުންނެވެ.

އެއް ކޮނޑުގައި އަޅުވައިގެން ދަބަސް ގެންގުޅޭ ހިތްވާ މީހުން

ކޮނޑުގައި އަޅުވާލައިގެން ދަބަސް ގެންގުޅޭ ހިތްވާ މީހުންނަކީ ވަރަށް ފޮތް ކިޔާ ހިތްވާ ބައެކެވެ. އަދި ބޭކާރު ކަންކަމާ ނުވިސްނައި، އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑު، ކަންކަމާ މެދު ޔަގީންކަން އޮންނަ ބައެއްކަމުގައި މިމީހުން ފާހަގަކުރެވޭނެއެވެ.

ދަބަސް އެޅުމުގައި ކަން ދެއްކުމަށްވުރެ ބޮޑަށް އޭގެ ބޭނުން ހިފޭނެ ގޮތަކަށް ދަބަސް ގެންގުޅެން މިފަދަ މީހުން ޝައުގުވެރި ވާނެއެވެ.

ކޮނޑުން ހުރަހަށް ދަބަސް އެޅުން

މިއީ އެންމެ ފަސޭހައިން އަދި އެންމެ ރައްކާތެރިކޮށް ދަބަސް ގެންގުޅެން އޮންނަ ގޮތްކަމުން، މިފަދައިން ދަބަސް އަޅާ ހިތްވާ މީހުންނަކީ ވަރަށް ދަތުރުކުރާ ހިތްވާ ބައެއްކަން ފާހަގަކުރެވޭނެއެވެ. މިފަދަ މީހުންގެ މިޒާޖުން ބުނެދެނީ އެމީހުންނަކީ ހައިބަތު ބޮޑު ބައެއް ނަމަވެސް، އިހުސާންތެރިކަން ވެސް އިސްކުރާ ބައެއް ކަމެވެ.

މިފަދައިން ދަބަސް އަޅާ މީހުންނަކީ ހަޔާތުގައި އެހާ ސީރިއަސް ނުވެ ވަރަށް ހަމަޖެހިގެން ތިބޭ ބައެކެވެ.

ބަނޑުމަތީ ދަބަސް އޮންނަ ގޮތަށް އެޅުން

މިގޮތަށް ދަބަސް އަޅާ މީހުންގެ ހިނގުމުގެ ދުވެލި ވަރަށް އަވަސްވާނެއެވެ. އަދި އުޅޭ އުޅުމުގައި ވަރަށް ހަލުވިވެފައި ކަންކަން ކުރުމުގައި ވަކި ހައްދެއް ނޯންނާނެއެވެ. ތިޔައީ އެފަދަ މީހެއް ނަމަ، ތިޔައީ ވަރަށް އަވަސް ވިސްނުމެއް ގެންގުޅޭ އަދި ތަނަވަސް ހިޔާލުގެ ވެރިއެކެވެ. މިކަމުގެ ސަބަބުން މިފަދަ މީހުންނަކީ ޝައުގުވެރި ބަޔަކަށް ވެދެއެވެ.

ނަމަވެސް، ދަބަސް ބަނޑުމަތިން މާ ބާރުކޮށް އަޅައިގެން އުޅެން އާދަކޮށްފައިވާ މީހެއް ނަމަ، އެކަމުން ބުނެދެނީ ކަންކަމާ ވަރަށް ބޮޑަށް ހާސްވާ އަދި ހިތް ނުތަނަވަސްވާކަމެވެ. އެފަދަ މީހުންނަށް ކަންކަމާ މެދު ޔަގީންކަމެއް ނޯންނާނެ އެވެ.

މިއީ ބޮޑީ ލޭންގުއޭޖުން ބުނެދޭ ބައެއް ކަންކަން ކަމުން، ހުރިހައި ހާލަތެއްގައި ހުރިހާ މީހުންނަށް ސީދާ މި ގޮތަށް ދިމާ ނުވެދާނެ އެވެ. އެކަމަކު މިއީ ބޮޑީ ލޭންގުއޭޖް ދިރާސާ ކުރާ މީހުންގެ ދިރާސާގެ އަލީގައި ތަޖުރިބާ ކޮށްފައިވާ ކަންކަމެވެ.