ޚަބަރު

ރޯދަ މަހު އެފްއެސްއެމްގެ ޝެޑްތައް ހުޅުވާފައި ހުންނާނެ ގަޑިތައް އާންމުކޮށްފި

ރޯދަ މަހު ޕެޓްރޯލް ޝެޑްތައް ހުޅުވާފައި ހުންނާނެ ގަޑިތައް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އާންމުކޮށްފިއެވެ.

އެފްއެސްއެމް އިން ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަސް، މިއަދު، ޕެޓް ރޯލް ޝެޑްތައް ހުޅުވާފައި ހުންނާނީ މެންދުރު ފަހު 2:00 އިން ފެށިގެން ކަމަށެވެ. އަދި ޝެޑްތައް ބަންދު ކުރާނީ މެންދަމު 12:00 ގައި ކަމަށެވެ.

އެފްއެސްއެމް އިން ބުނީ ރޯދަ މަހު ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:30 އިން މެންދަމު 12:00 އަށް އެ ކުންފުނީގެ ހުރިހާ ޝެޑެއް ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހަކު މެންދުރު ފަހު 2:00 އިން 5:00 އަށް އަދި ރޭގަނޑު 8:30 އިން 12:00 އަށް ޝެޑްތައް ހުޅުވާފައި ހުންނާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން ތިލަފުށި ސޭލްސް ޕޮއިންޓާއި ބައުޒަރުގެ ހިދުމަތްތައް ލިބޭނެ ގަޑިތައްވެސް ވަނީ އާންމުކޮށްފައެވެ. އެގޮތުން ތިލަފުށި ސޭލްސް ޕޮއިންޓުން ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހަކަށް ހެނދުނު 10:15 އިން ހަވީރު 4:15 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް ހިދުމަތް ލިބޭނެއެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:30 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް ތިލަފުށި ސޭލްސް ޕޮއިންޓުން ހިދުމަތް ލިބޭނެއެވެ.

ބައުޒަރުގެ ހިދުމަތް ނުވަތަ ޕަމްޕް ހައުސްގެ ހިދުމަތް ރޯދަ މަހުގެ ކޮންމެ ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހަކަށް ހެނދުނު 9:30 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:30 އިން 11:30 އަށް ހިދުމަތް ލިބޭނެއެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:30 އިން 11:30 އަށް ހިދުމަތް ލިބޭނެއެވެ.

މާލޭގައި އެފްއެސްއެމްގެ ތިން ޝެޑް ހުރެއެވެ. އެއީ ސްވިމިން ޓްރެކް ސަރަހައްދުގައި އާއި ކާނިވާ ސަރަހައްދުގައި އަދި އިންޑަސްޓްރިއަލް ޒޯނުގައެވެ. ހުޅުމާލޭގައި ދެ ޝެޑް ހުރެއެވެ. އެއީ ހައިވޭއިން ފައިބާ ތަކުގައި އާއި ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައެވެ.