ލައިފް ސްޓައިލް

ޑޫކް އޮފް އެޑިންބާގް ޕްރިންސް ފިލިޕްގެ ހަޔާތްޕުޅުގެ މައްޗަށް ބަލައިލުމެއް

އައިޝަތު އިނާޔާ

އުމުރުފުޅުން 99 އަހަރުގައި ޝާހީ އާއިލާގެ ޕްރިންސް ފިލިޕް މިވަނީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު 9 އެޕްރިލް ވީ ބުރާސްފަތި ދުވަހު އަވަހާރަވެފައެވެ. މި ލިޔުމުގައި މިބަލައިލަނީ ރާނީ އެލިޒަބަތު 2 ގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ހަޔާތްޕުޅުގެ މައްޗަށެވެ.

ޕްރިންސް ފިލިޕް އަކީ އެބޭފުޅާގެ މަންމާފުޅާއި ބައްޕާފުޅުގެ ހުރި ހަމައެކަނި ފިރިހެން ދަރިކަލުން

ޕްރިންސް ފިލިޕް އަކީ ގްރީސް އަދި ޑެންމާކުގެ ޝާހީ އާއިލާ އަށް އުފަންވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ގްރީސް އަދި ޑެންމާކުގެ ޕްރިންސް އެންޑްރޫ އާއި ބެޓެންބާގުގެ ޕްރިންސެސް އެލިސް އަށް ލިބިވަޑައިގެން 5 ބޭފުޅުންގެ ތެރެއިން ޕްރިންސް ފިލިޕް އަކީ އެންމެ ހަގު އަދި ހަމައެކަނި ފިރިހެން ދަރިކަލެވެ. ފިލިޕް ވެވަޑައިގެންފައިވަނީ ގްރީސް އަދި ޑެންމާކުގެ ޝާހީ އަމީރަކަށެވެ.

ނަމަވެސް ގްރީކުގައި ގެނެވުނު އިންގިލާބުގެ ސަބަބުން އެ ގައުމުން ޝާހީ އާއިލާ ވަނީ އެއްކިބާކުރެވިފައެވެ. މިކަމުގެ ސަބަބުން ފިލިޕްގެ ބައްޕާފުޅު އާއިލާ ދޫކޮށް ދުރަށް ޖެހިވަޑައިގަތުމުގެ ސަބަބުން މަންމާފުޅުގެ ބަލި ހާލަތު ދިޔައީ ގޯސްވަމުންނެވެ.

ތައުލީމީ ހަޔާތްޕުޅު

ޕްރިންސް ފިލިޕް ތައުލީމު ހާސިލުކުރައްވަން ފެއްޓެވީ ޕެރިހުގައި ހުރި އެމެރިކާގެ ސްކޫލެއް ކަމުގައިވާ އެލްމްސް ގައެވެ. އަދި އިތުރަށް ތައުލީމު އުނގެނުމަށް އެ ސްކޫލްގެ ފަރާތުން ފިލިޕް ވަނީ އިނގިރޭސި ވިލާތަށް ފޮނުވާފައެވެ. ސަރޭގައި ހުރި ސްކޫލަކުން ތައުލީމު ހާސިލްކުރައްވަން ފައްޓަވައި ފަހުން ވަނީ އުތުރު ސްކޮޓްލަންޑްގެ ގޯޑަންސްޓައުން ބޯޑިން ސްކޫލަށް ބަދަލުވެވަޑައިގެންފައެވެ.

ބްރިޓަން ރޯޔަލް ނޭވެލް ކޮލެޖުން ގްރުޖުއޭޓްވެވަޑައިގެންނެވި

ގޯޑަންސްޓައުން އިން ކިޔެވުން ފުރިހަމަކުރެއްވުމަށްފަހު މަތީ ތައުލީމް ހާސިލްކުރެއްވުމަށް ފިލިޕް ގުޅިވަޑައިގަތީ ބްރިޓަން ރޯޔަލް ނޭވަލް ކޮލެޖާއެވެ. އެތައް އަހަރަކު ޝާހީ ނެވިކަމުގެ ތަމްރީން ފުރިހަމަކުރައްވައި އެންމެ ރަނގަޅު ކެޑޭޓުގެ ލަގަބު ލިބިވަޑައިގެން ޑާޓްމައުތުން ގްރެޖުއޭޓްވެވަޑައިގެންނެވިއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި 1940 ވަނަ އަހަރުގެ ޖަނަވަރީމަހު ފިލިޕްވަނީ އެޗްއެމްއެސް ރެމިލީސް ބޯޓުގެ ހިދުމަތްތަކަށް އައްޔަންކުރެވި ކަނޑުމަތީގެ ހަނގުރާމައިގައި އެތައް މަހެއް ހޭދަކުރައްވާފައެވެ.

ރާނީ އެލިޒަބަތާއި އެންގޭޖްވެ ވަޑައިގަތީ 1947 ގެ ޖުލައިގައި

ނޭވެލް ކޮލެޖުގެ ކެޑޭޓެއްގެ ގޮތުގައި ތަމްރީނުވެވަޑައިގެންނެވި ދުވަސްވަރު ރާނީ އެލިޒަބަތާއި ޕްރިންސް ފިލިޕް ބައްދަލުވެވަޑައިގެންފައިވަނީ 1939 ވަނަ އަހަރުގައި ނަމަވެސް، ރަސްމީކޮށް ދެ ބޭފުޅުން އެންގޭޖްވެ ވަޑައިގެންފައިވަނީ 1947ވަނަ އަހަރުގެ ޖުލައި މަހުގައެވެ.

1947 އަހަރުގެ ނޮވެމްބަރުގައި ކައިވެނި ބައްލަވައިގަތުން

އެއަހަރުގެ ނޮވެމްބަަރު 20 ވަނަ ދުވަހު އެލިޒަބަތާއި ފިލިޕްގެ ކައިވެނިކުރެވިގެން ދިޔައެވެ.

ދަރިދަރިކަލުން

ޖެހިގެން އައި އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު ޝާހީ އާއިލާއަށް ޕްރިންސް ފިލިޕް އަދި ރާނީ އެލިޒަބަތުގެ ފުރަތަމަ ދަރިކަލުން ޕްރިންސް ޗާލްސް އުފަންވެވަޑައިގަތެވެ. އަދި އޭގެފަހުން ޕްރިންސް އެންޑްރޫ، ޕްރިންސެސް އޭން އަދި ޕްރިންސް އެޑްވާޑް ލިބިވަޑައިގެންނެވިއެވެ.

ރާނީ އެލިޒަބަތު2 ރާނީކަމުގެ ހުވާ ކުރެއްވި ހިސާބުން ޝާހީ ހިދުމަތްތަކަށް ވަގުތު ހުސްކުރެއްވުން

1952 ވަނަ އަހަރު ރާނީ އެލިޒަބަތު 2 ރާނީ ކަމަށް ހުވާކުރެއްވުމުން ފިލިޕް އަސްކަރީ ހިދުމަތްތަކުން އެއްފަރާތްވެ ވަޑައިގެންނެވިއެވެ. އަދި ޝާހީ ހިދުމަތްތައް އަދާކުރެއްވުމަށް ވަގުތު ހުސްކުރައްވައި ރާނީ އެލިޒަބަތުގެ އަރިހުގައި ދެގޮތެއް ނުވެ އަބަދުވެސް ހުންނެވިއެވެ.

73 އަހަރުގެ ކައިވެނިފުޅުގައި، ރާނީ އެލިޒަބަތަށް ހިތްވަރު ދެއްވުމުގައި ޕްރިންސް ފިލިޕް އަކީ ލާމަސީލު ނަމޫނާއެކެވެ. ރާނީ އެލިޒަބަތުގެ ޝާހީ ހަޔާތްޕުޅުގެ ކާމިޔާބީގެ ފަހަތުގައި ޕްރިންސް ފިލިޕްގެ ދައުރު ކިތަންމެހާ ވެސް ބޮޑެވެ.

ޕްރިންސް ފިލިޕް އޭނާގެ ސަކަ މިޒާޖުގެ ސަބަބުން އާއްމުންގެ ލޯބި ހޯއްދެވި

ޝާހީ އާއިލާއެއްގެ އިސް މެންބަރެއް ގޮތުގައި ހިމެނިވަޑައިގެންނެވިނަމަވެސް، ފިލިޕްގެ މަޖާ ބަސްފުޅުތަކާއި ސަކަ މިޒާޖުގެ ސަބަބުން ގިނަ މީހުން އޭނާ ދެކެ ވަރަށް ގަޔާވެއެވެ. އެއްފަހަރަކު މީހަކު ފިލިޕް އަރިހުގައި އޭނާގެ އަންހެނުންނަކީ ފިލޯސޮފީގެ ޑޮކްޓަރެއް ކަމަށާއި އަދި އޭނާއަށް ވުރެ އެތައް ގޮތަކުން އޭނާގެ އަންހެނުންނަކީ މުހިއްމު މީހެއް ކަމަށް ބުނުމުން، އޭނާއާ އެއްބައިވެވަޑައިގެން ޕްރިންސް ފިލިޕް ވިދާޅުވީ އާއިލާގައިވެސް ޖެހިގެން އުޅެނީ އެކަހަލަ ހާލެއް ކަމަށެވެ.

2017 ގައި ޝާހީ ޑިއުޓީތަކުން އެއްފަރާތްވެވަޑައިގަތުން

ޝާހީ ހިދުމަތުގައި އެތައް އަހަރެއް ވެއަތު ކުރެއްވުމަށްފަހު 2 އޯގަސްޓް 2017 ގައި ފިލިޕް ވަނީ ރަސްމީކޮށް ޝާހީ ހިދުމަތްތަކުން ރިޓަޔާ ކުރައްވާފައެވެ.

2021 އެޕްރިލް 9 ގައި އަވަހާރަވުން

ހިތުގެ އާލާސްކަންފުޅެއްގައި އެތައް އަހަރެއް ހޭދަކުރައްވައި އަދި ބޮޑު އޮޕަރޭޝަނެއް ވެސް ކުރައްވާފައިވާ ފިލިޕް ގެ އާލާސްކަންފުޅު ގޯސްވެ 9 އެޕްރިލް 2021 ގައި ވަނީ ދުނިޔެ ދޫކުރައްވާފައެވެ.