ލައިފް ސްޓައިލް

''މިސިސް ސްރީ ލަންކާ''ގެ ތާޖު އަތުލުމުން ''މިސިސް ވޯލްޑް'' ހައްޔަރުކޮށްފި

''މިސިސް ޝްރީ ލަންކާ''ގެ ތާޖު އަތުލުމުން ''މިސިސް ވޯލްޑް'' ހައްޔަރުކޮށްފިއެވެ.

ލަންކާގައި ކުރިއަށް ދިޔަ މިސިސް ޝްރީލަންކާ ހޮވުމުގެ ހަފުލާގައި، ޕުޝްޕާ ޑީ ސިލްވާ ''މިސިސް ޝްރީލަންކާ'' އަށް ހޮވުމުން އޭނާގެ ބޮލުގައި ތާޖު އަޅުވަން ކަނޑަައަޅާފައި އޮތީ އޭގެ ކުރީ އަހަރު އެ ޓައިޓަލް ލިބުނު އަދި މިހާރުގެ ''މިސިސް ވޯލްޑް'' ކަމަށްވާ މިސިސް ޖޫރީއެވެ. ނަމަވެސް އޭނާވަނީ ޕުޝްޕާގެ ބޮލުގައި ތާޖު އެޅުވުމަށްފަހު އޭނާ އަކީ ވަރިވެފައިވާ މީހެއްކަމަށް ބުނެ ތާޖު އަތުލައިފައެވެ.

ގަވާއިދު ބުނާ ގޮތުން ވަރިވެފައި ތިބޭ މީހުންނަށް މި ތާޖު ލިބިގެން ނުވާނެ ކަމަށާއި އެގޮތުން އެ ތާޖު ހައްގުވަނީ ދެވަނައަށް ވާދަކުރި ފަރާތަށް ކަމަށް ބުނެ ރަނަރަޕްގެ ބޮލުގައި މިސިސް ޖޫރީ ތާޖު އެޅުވުމުން ޑީ ސިލްވާ ރޮމުން ސްޓޭޖުން ފައިބައިގެން ދާތަން މިހާރު ވައިރަލް ވެފައިވާ ވީޑިއޯތަކުން ފެނެއެވެ.

ޑީ ސިލްވާ ފަހުން ކޮށްފައިވާ ފޭސްބުކު ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ފިރިމީހާއާ ވަކިވެފައި ވީ ނަމަވެސް އަދި ވަރި ނުވާ ކަމަށެވެ. އަދި އޭނާގެ ބޮލަށް ލިބުނު ގެއްލުމަށް ހޮސްޕިޓަލުން ފަރުވާ ކުރަން ޖެހުނު ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ޕުޝްޕާ ބުނެފައިވާ ގޮތުގައި އެކަނިވެރި އެތައް އަންހެނުންނަކަށް އަދި އެކަނިވެރި މައިންނަށް އެ ތާޖު ހައްގު ކަމަށެވެ. އަދި އޭނާއަށް ބޭއިންސާފުން ދިން އަނިޔާއަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައިވެސް ބުނެފައި ވެއެވެ.

މިސިސް ޖޫރީއާ އެކު މިކަމުގައި ބައިވެރިވި ލަންކާގެ އިތުރު މޮޑެލެއް ކަމުގައިވާ ޗޫލާ ޕަދްމެންދުރަ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އާދިއްތަ ދުވަހު ހިނގައިދިޔަ މިހާދިސާއާ ގުޅިގެން މިސިސް ސްރިލަންކާ ޕޭޖަންޓު އިންތިޒާމުކުރި ފަރާތް ކަމުގައިވާ ޗަންދިމަލް ޖަޔަސިންގެއާއާ ވެސް ފުލުހުން ވަނީ ބުރާސްފަތިދުވަހު ސުވާލުކޮށްފައެވެ.

ކަފާލާތުގެ ދަށުން މިސިސް ޖޫރީ އަދި ޗޫލާ ޕަދްމެންދުރާ ދޫކުށްލާފައިވަނީ 19 އެޕްރީލުގައި ކޮލޮމްބޯ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުވާ ގޮތަށެވެ.

މިސިސް ޑި ސިލްވާ އަށް މިހާރު އަނބުރާ ތާޖު ދީފައިވާއިރު، މިސިސް ޖޫރީ އާއްމުންގެ ކިބައިން މާފަށް އެދޭނެ ކަމަށް އުއްމީދުކުރާ ކަމަށް އިންތިޒާމު ކުރި ފަރާތުން ބުނެފައި ވެއެވެ.

ޖަޔަސިންގެ ބީބީސީއަށް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ކެރޮލިން ޖޫލީގެ މިއަމަލުގެ ސަބަބުން ''މިސިސް ވޯލްޑް'' އިންތިޒާމުކުރާ ފަރާތުންވެސް އޭނާގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

''މިސިސް ސްރީލަންކާ'' އިވެންޓަކީ ލަންކާގައި ވަރަށް މަގުބޫލު ޝޯއެކެވެ. އަދި އެ ހަފުލާގައި މެހެމާނެއްގެ ގޮތުގައި އެދުވަހު ލަންކާ ބޮޑުވަޒީރުގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިސިސް ސްރީލަންކާ އަކީ މިސިސް ވޯލްޑަށް ވާދަކުރާ ފަރާތް ހޯދަން ބާއްވާ ޕޭޖަންޓް ސީރީސްގެ އިވެންޓެކެވެ.

''މިސިސް ޝްރީލަންކާ'' އަތުން ތާޖު އަތުލާ ވީޑިއޯ---