ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ރ. އަލިފުށީގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ރ. އަލިފުށީގައި ދިރާގު ޓީވީ ތައާރަފުކޮށްފައިވަނީ ދާދިފަހުން ސިނަމާޗީގެ މުޅިން އާ ފިލްމު ޗެނަލްތަކަކާއެކު ގޯލްޑް ޕެކެއް ތައާރަފުކޮށްވާ ދަނޑިވަޅެއްގައެވެ. 100 އަށްވުރެ ގިނަ ކޮލިޓީ ޗެނަލްތައް އެންމެ 450 ރުފިޔާއަށް ދިރާގު ޓީވީގެ ގޯލްޑް ޕެކް މެދުވެރިކޮށް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕެކުގައި ހިމެނޭ ސިނެމާޗީ ޗެނަލްތަކުގެ ތެރޭގައި ސިނެމާޗީ އެކްޝަން، ސިނެމާޗީ ރޮމޭންސް، ސިނެމާޗީ ކޮމެޑީ، ސިނެމާޗީ ޑްރާމާ އަދި ސިނެމާޗީ ކްރައިމް ހިމެނޭނެއެވެ. އަދި މި ޗެނަލްތައް ދިރާގު ޕްލޭ އެޕްގެ ޕްލޭމޯ ޕެކޭޖު މެދުވެރިކޮށްވެސް ފެނިގެންދާނެއެވެ.

މީގެ އިތުރުން، ދިރާގު ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕޮރޮމޯޝަނެއްވެސް އަންނަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން މިހާރު ކުރިއަށްދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑަރު) ވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތު ތެރޭ ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައިކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލައިލެވޭނެއެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިގޮތުގައި ދިރާގުން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް ގިނަ ބަޔަކަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީ ޗެނަލްތައް ބަލައިލުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.

"އަޅުގަނޑުމެން އުންމީދު މިކުރަނީ ރ. އަލިފުށީގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއް ގެނެސްދީ، ދިރާގު ޓީވީ މެދުވެރިކޮށް މުނިފޫހިފިލުވުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭގެންދާނެކަމަށް،" ޖައިޝާން ވިދާޅުވިއެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ގުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.

ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް މިހާރު ދިރާގު ޓީވީ ހިދުމަތް ފޯރުކޮށްދީފައެވެ. ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށެވެ.

[ދިރާގު ޓީވީއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް](https://bit.ly/3sTbwiM)