"މިހާރު" ނޫހުގެ އެޑިޓަރު އަދި ތަޖުރިބާކާރު ނޫސްވެރިޔާ މޫސާ ލަތީފު މިއަދު އެ ނޫހުން އިސްތިއުފާ ދެއްވައިފިއެވެ.
މޫސަ މިއަދު "ވަން" އަށް ވިދާޅުވީ، ''މިހާރު'' ނޫހުން އިސްތިއުފާ ދެއްވީ އެ ނޫހާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށެވެ. އަދި "ހަވީރު" ނޫހާއި "މިހާރު" ނޫހުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހުން އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
"ގަބޫލު ކުރެވެނީ މިއީ އަމިއްލަ ނޫހެއް އުފައްދައި ނެރެންވީ ވަގުތު ކަމަށް. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ތިން ހަތަރު މަހެއްހައި ދުވަސް ތެރޭ ނޫސް ވުޖޫދަށް ގެނެވޭނެ. ތަޖުރިބާކާރު ޓީމެއް އޮންނާނެ، ވަޒީފާއެއްގެ ގޮތުގައި ވެސް ވަރަށް ދުވަހު ނޫސްވެރިކަން ކުރެވިއްޖެ. އެ ހިތްހަމަޖެހުން ވަރަށް ބޮޑަށް އެބަ އޮތް،" މޫސަ ވިދާޅުވިއެވެ.
"ހަވީރު"ގެ ޕާޓްޓައިމް ލިޔުންތެރިއެއްގެ ގޮތުގައި 1989 ވަނަ އަހަރު އެ ނޫހާ ގުޅިވަޑައިގެންނެވި މޫސަ ފާހަގަވީ "ހަވީރު"ގެ ކުޅިވަރު ރިޕޯޓަރެއްގެ ގޮތުގައެވެ. ނަމަވެސް 1990 ގައި، "ހަވީރު"ގެ ކުޅިވަރު ސަފްހާ ލިޔުއްވަން ފެށްޓެވިތާ ގިނަ ދުވަސްތަކެއް ނުވެ، "ހަވީރު"ގެ ފުލްޓައިމް ރިޕޯޓަރެއްގެ މަގާމު ލިބިވަޑައިގަތެވެ. އަދި ފަހުން "ހަވީރު"ގެ ސްޓާފް ރިޕޯޓަރު ކަމާއި ސަބް އެޑިޓަރުކަމާއި އެސިސްޓެންޓް އެޑިޓަރުކަމުގެ މަގާމު މޫސަ އަދާކުރެއްވިއެވެ.
މޫސަ އަށް ދިވެހި ސަރުކާރުން ވަނީ ނޫސްވެރިކަމުގެ ރަންޔޫބީލް އަހަރު، 1993 ގައި "ރިހި ގަލަން" ދީފައެވެ. އަދި ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ނޫސްވެރިކަމުގެ ރޮނގުން 2001 ވަނަ އަހަރު ސަރުކާރުން ވަނީ އާއްމު ހިދުމަތުގެ އިނާމު ވެސް ދީފައެވެ. އެފަހުން ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރިގެން 2018 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުން ދިން ނޫސްވެރިކަމުގެ އަލިމަސް ގަލަން ވެސް މޫސައަށް ދީފައިވެއެވެ.
ކުޅިވަރު ރިޕޯޓަރެއްގެ އިތުރުން މޫސައަކީ ތަފާތު އެހެން ދާއިރާތަކުން ވެސް ގަލަން ހިންގި ނޫސްވެރިއެކެވެ. އަދި އޭނާއަކީ ރާއްޖޭގައި އުފެދުނު އާދަޔާހިލާފު މޮޅު ލިޔުންތެރިއެއް ވެސް މެއެވެ.