ދުނިޔެ

ރެކޯޑެއް، އިންޑިއާއިން އެއް ދުވަސް ތެރޭ އެއް ލައްކައަށްވުރެ ގިނަ ކޮވިޑް ކޭސް

އަލީ އަފާފް ރަމީޒު

އިންޑިއާއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 100،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެގައުމުން 103،558 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ އެގައުމުން މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓު ކުރި ދުވަހެވެ. މީގެ ކުރިން އެގައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ކޭސް ފެނިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރު 98،000 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 12.6 މިލިއަނަށް އަރައިފައެވެ. އަދި އިއްޔެ އެގައުމުން މި ބަލީގައި 478 މީހަކު މަރުވެފައިވާ އިރު، ކޮވިޑު ޖެހިގެން އެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 165،101 އަށް އަރައިފައެވެ.

ކޮވިޑުގެ ހާލަތު އިންޑިއާގައި އަނެއްކާވެސް ގޯސްވެފައިވާ އިރު، އެގައުމުގެ މަހާރަޝްތުރާ އިން އެކަނިވެސް 57،074 ކޭސް ވަނީ ފެނިފައެވެ. ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީވެސް އެ ސިޓީންނެވެ.

އިންޑިއާގެ ކޮވިޑް ހާލަތު ގޯސްވެ އެގައުމުގެ ގިނަ ސިޓީތަކުން ކޭސްތައް އިތުރުވާން ފަށާފައިވާ އިރު، އެގައުމުން ވަނީ ކޮވިޑުގެ އާ ވޭރިއަންޓެއްވެސް ފެނިފައެވެ. މަހާރަޝްތުރާގެ ކޭސްތައް އިތުރުވާން ފަށާފައިވަނީ ވޭރިއަންޓުގެ ސަބަބުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މަހާރަޝްތުރާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުން އިއްޔެ ވަނީ އާ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރޭގަނޑު ކާފިއު ހިންގުމާއި ހަފުތާ ބަންދުގައި ފުރަބަންދު ކުރަންވެސް ވަނީ ނިންމައިފައެވެ. އަދި ޝޮޕިން މޯލްތަކާއި ސިނަމާތަކާއި ރެސްޓޯރެންޓުތަކުގެ އިތުރުން އަޅުކަން ކުރާ ތަންތަންވެސް ބަންދު ކުރަން ވަނީ ނިންމައިފައެވެ.