ރަސްމީ ދަތުރުތަކުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ނުސީދާ އިނާޔަތްތަކެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނަންގަވަން އުޅުއްވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ދީދީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުންގެ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއް ކަމަށާއި އެފަދަ ދަތުރުތައް މެންބަރުންނަށް ކުރެވޭނީ މަޖިލިސް އިދާރާ އިން ހުއްދަ ދީގެން ކަމަށް، މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ކަނޑައެޅުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެކަމާ ގުޅިގެން ޑރ. ދީދީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު އުޅުއްވަނީ ރަސްމީ ދަތުރުތަކެއްގެ ނަމުގައި ދައުލަތުގެ ބަޖެޓުން ނުސީދާ އިނާޔަތްތަކެއް ނަންގަވަން ކަމަށެވެ. އަދި އެއީ ހައްދު ފަހަނަ އަޅައި ދިއުން ކަމަށާއި ދައުލަތުގެ މާލިއްޔަތާ ނުބައްދަލު މުސާރަ އާއި އިނާޔަތްތައް މެންބަރުންނަށް ކަނޑައަޅާފައިވަނީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށް ކަމަށް ވެސް ވިދާޅުވިއެވެ.
"މިހާރު އެ އުޅެނީ ދައުލަތުގެ ބަޖެޓުން ނުސީދާ އިނާޔަތްތަކެއް (ރަސްމީ ދަތުރު)ގެ ނަމުގައި ނަގަން. ނާގާބިލު އަދި ކަމަށް އަހުލުވެރި ނޫން މީހުންގެ ވަރަށް ހާއްސަ ސިފައެއް ލަދު ހަޔާތް ކުޑަވުން،" ޑރ. ދީދީ ވިދާޅުވިއެވެ.
މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅިކަން ހާމަ ކުރައްވައި މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލިސް މެންބަރުން އެ މެންބަރުންގެ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ކޮބައިކަން ކަނޑައަޅައި ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ އާންމު ކޮމިޓީން ނިންމުމެއް ނިންމަވާފައިވާ ކަމަށެވެ.
މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށާއި އެގޮތުން މެންބަރުން ދާއިރާތަކަށް ކުރައްވާ އެ ދަތުރަކާ ގުޅޭ މައުލޫމާތާއެކު ދަތުރު ކުރެއްވުމުގެ ހުއްދައަށް އެދިވަޑައިގެން މަޖިލިސް އިދާރާގައި ލިޔުމުން އެދެންވާނެ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެގޮތަށް މެންބަރުން ދަތުރުތައް ކުރައްވަން ވާނީ މަޖިލީހުގެ އިދާރާއިން އެކަމަށް ހުއްދަ ދިނުމުން ކަމަށާއި މެންބަރުން ދާއިރާތަކަށް، ރަސްމީ ދަތުރު ކުރައްވާއިރު މަޖިލީހުގެ ހާޒިރީ އާއި ކޮމިޓީގެ ހާޒިރީގައި އެ މެންބަރަކު ފާހަގަކުރައްވާނީ، ރަސްމީ ދަތުރުގައިވާ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
ރަސްމީ ދަތުރުގައި ތިއްބަވާ މެންބަރުން މަޖިލިސް ކޮމިޓީއެއްގައި ބައިވެރިވާން އެދިވަޑައިގެންފިނަމަ އޮންލައިންކޮށް އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އެ މެންބަރަކަށް ދެއްވާނެ ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މެންބަރުންނަށް ފުރުއްވޭނީ މަޖިލީހުގެ އަމީން އާއްމު ހުއްދަ ދެއްވުމުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު