ބަލީގެ އަލާމާތްތަށް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، ވ. ތިނަދޫ މޮނިޓަރިން އަށް ލައިފި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތިނަދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި ތިން މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެން ކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް އެރަށް މިހާރު މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.

ނަމަވެސް ތިނަދޫ ކައުންސިލް ރައީސް ސާމިރު އަހުމަދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ރަށް މޮނިޓަރިން އަށް ލާފައިވަނީ ފަތުރުވެރިޔަކު ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.

ސާމިރު ވިދާޅުވީ މީގެ ކުރިންވެސް އެ ރަށުން ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ނަމަވެސް މޮނިޓަރިން އަށް ލާފައި ނުވާ ކަމަށެވެ. އަދި މި ފަހަރު ފަތުރުވެރިޔަކު ޕޮޒިޓިވް ވުމުން މޮނިޓަރިން އަށް ލާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ފަތުރުވެރިޔާ އަކީ މާދަމާ ފުރަން ހަމަޖެހިފައިވާ މީހެއް ނަމަވެސް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާ އަދި ހުރީ ތިނަދޫގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސާމިރު ވިދާޅުވީ އެ ފަތުރުވެރިޔާ އާއި އާންމު ރައްޔިތުންނާ ކޮންޓެކްޓް ވެފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ފަތުރުވެރިން ތިބެނީ ރަށުގެ ވަކި ސަރަހއްދެއްގައި ކަމަށެވެ. އަދި އެ ސަރަހައްދަކީ އާންމުން ގޮސް އުޅޭ ސަރަހައްދެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ އެހެން ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ބައެއް ރަށްތަކުން ފަތުރުވެރިން ޕޮޒިޓިވް ވެފައި ވީ ނަމަވެސް އެރަށްތައް މޮނިޓަރިން އަށް ލާފައެއް ނުވެ އެވެ.

ރާއްޖޭގައި މިހާރު 18 ރަށެއް މޮނިޓަރިންގައި އޮތް އިރު މާލެ އަށްވުރެ އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. މިއަދުގެ މިހާތަނަށްވެސް ތިން ރަށެއް ވަނީ މޮނިޓަރިން އަށް ލާފަ އެވެ.