ކުޅިވަރު

ޓީސީއަށް ހިތްވަރެއް، ޔޫވީއަށް މާޔޫސްކަން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ހަމަނޭވައެއް ލައިފިއެވެ.

މިއަދުގެ މެޗުގައި ޓީސީން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ މައްޗަށް ކުރި ހޯދީ 2-0ގެ ނަތީޖާ އަކުންނެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ، ޓީސީން މާޔޫސްކަން ފިލުވާލަން މިއަދުގެ މެޗަށް ނުކުތީ މަޖުބޫރު ތިން ޕޮއިންޓަކަށެވެ. މިއަދުގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު މިހާތަނަށް ކުޅުނު 11 މެޗުން 12 ޕޮއިންޓު ހޯދައި، ޓީސީ ވަނީ ފަސްވަނައަށް ޖެހިލައިފައެވެ.

ތާވަލުގެ ހަވަނައިގައި އޮތް ކުލަބު އީގަލްސްއަށް 10 މެޗުން 12 ޕޮއިންޓު ލިބިފައިވާއިރު، ޓީސީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. މިއަދުގެ މެޗުން ބަލިވެ ޔޫވީ އޮތީ ތާވަލުގެ ފުލުގައި ކުޅުނު 11 މެޗުން ލިބުނު އެންމެ ތިން ޕޮއިންޓާއެކުއެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ދެކޮޅަށް ވެސް ހުސް ދެ ފުރުސަތު ލިބިގެން ދިޔަކަން ފާހަގަކޮށްލެވުނެވެ. ފުރަތަމަ ހަމަލާ ޓީސީގެ ފަރާތުން ފެނުނުއިރު، ކުރިން ޔޫވީއަށް ކުޅުނު ސެމިއުލް ކޯޑެލް ޓީސީގެ ކުރިން ހުސްކޮށް މުހައްމަދު އައްޒާމަށް ދުއްވާލި ތުރޫ ޕާސް، އައްޒާމް ވަދެ ފޮނުވާލި ނަމަވެސް ބޭރަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. އަނެއްކޮޅުން މުހައްމަދު ބައްސާމް (ބައްކު)އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ބޮލުން ޖެހި ބޯޅަ ވެސް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ޓީސީއަށް ލިބުނު ޕެނެލްޓީ އަކުން އައްޒާމް ވަނީ ލީޑު ނަގައިދީފައެވެ. އަދި އެ ހިތްވަރާއެކު ދެވަނަ ހާފަށް ވެސް ނުކުމެ ކުޅުން ރަނގަޅު ކުރިއެވެ. އަދި ހާފުގެ ކުރީކޮޅުގައި ލީޑު ފުޅާ ވެސް ކުރިއެވެ. ޓީސީގެ ފަހަތުން އެއްލި ތުރޫ ބޯޅައަކަށް ބާރު ދުވެލީގައި ކުރިއަށް ދެމި ގަނެ، އައްޒާމް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކު ތިރިތިރީންނެވެ.

ލީގުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. ރޭގަނޑު 9:00 ގައި ފަށާ މެޗުގައި މާޒިޔާ ނުކުންނާނީ ސުޕަ ޔުނައިޓެޑާ ދެކޮޅަށެވެ.