ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ކޮރަޕްޝަން މައްސަލައިގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.

ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް، ފޮނުވާފައިވާ އެ މައްސަލައިގައި ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 2:30 އަށެވެ.

ޕީޖީ އޮފީހުން ބުނީ، ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓު ހިއްސާވާ ގޮތަށް ޖޮއިންޓު ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓު ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.

"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާ އިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެ އެވެ. މީގެ އިތުރުން ދައުލަތުގެ 50 ޕަސެންޓު ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެ އެވެ،" ޕީޖީން ކުރިން ބުނެފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުންނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެ އެވެ. ނަމަވެސް ޖިހާދު އަމަލު ކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

މިމައްސަލައިގެ ދައުވާ ކްރިމިނަލް ކޯޓުގައި ފެށީ، މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި އޮތީ އެ މައްސަލައާ ގުޅިގެން ޖިހާދު ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހެދުމާ ގުޅިގެން، ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަކަށް އެދި ޖިހާދު ހުށަހަޅުއްވި މައްސަލައާމެދު ގޮތެއް ނިންމުމެވެ.

އެ ދުވަހުުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުން ނިންމީ، ޖިހާދު ފިލައިގެން ގޮސް، ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހުތިމާލު އޮތުމުން ރާއްޖޭން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ޖިހާދަށް ނުދިނުމަށެވެ.

ނަމަވެސް އެ މައްސަލަ ޖިހާދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އެ ކޯޓުން މައްސަލަ ބަލައި ޖިހާދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ، ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކުރިއެވެ.

ހައިކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބަަލައި އެ ކޯޓުން ހުކުމް ކުރީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ، ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށެވެ.