ޓީސީ ސްޕޯޓްސް ކްލަބު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގައި މިހާރު އޮތް ހިސާބުން އަރައިގަނެ، ޓީމުގެ ހާލަތު ބަދަލު ކުރުމަށް މިއަދު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން މަޖުބޫރު ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
އެންމެފަހުން ކުޅުނު ދެ މެޗުންވެސް ޓީސީ ބަލިވެފައި އޮތްއިރު، އެޓީމުން މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ލީގު ތާވަލުގެ ހަތްވަނައިގައި ޓީސީ މިވަގުތު އޮތްއިރު، ޖެހިޖެހިގެން ތިން ބަލި ވެއްޖެނަމަ، ޓީސީން އަލުން އަނބުރާ ތާވަލުގެ ކުރިއަށް އަރައިގަތުމަށް ކުރާ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ.
މިއަދުގެ މެޗާ ގުޅިގެން ނިޒާމްބެ ބުނެފައި ވަނީ، ތިން ޕޮއިންޓް ލިބިއްޖެނަމަ، އެ ތިން ޕޮއިންޓް ވެގެންދާނީ ސީޒަންގައި ލިބޭނެ އެންމެ މުހިއްމު ތިން ޕޮއިންޓަށް ކަމަށާއި، މިއަދުގެ މެޗަކީ މަޖުބޫރު މެޗެއް ކަމަށެވެ.
"ކުރިއަށް އޮތް މެޗަކީ ޓީސީ އަށް އެންމެ މުހިއްމު މެޗު. އެއީ މިތިން ޕޮއިންޓާއެކު ޓީސީ ޓޭބަލްގެ މިއޮތް ހިސާބުން އަރައިގަންނަން ކޮންމެހެން ވެސް މަޖުބޫރު. އެހެންވީމަ މިމެޗުން ޓީސީއަށް ތިން ޕޮއިންޓް ލިބިއްޖިއްޔާ މިއީ އެންމެ މުހިއްމު ތިން ޕޮއިންޓަށް ވެގެންދާނެ. ވެވުނު އެންމެ ރަނގަޅަށް މެޗަށް ތައްޔާރުވެގެން ނުކުންނާނީ," ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ފާހަގަކޮށްފައިވާ ގޮތުގައި ބްރޭކަށްފަހު ޓީސީއަށްވެސް ފިޓްނަސް މައްސަލަތަކެއް ދިމާވިއެވެ. އޭގެ ސަބަބުން އެންމެފަހުން ކުޅުނު މެޗުގައި ބައެއް ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު ކަމަށާއި، އެފަދަ ހާލަތުގައި ޓީމު ބޫސްޓް ކޮށްލަން ރަނގަޅު ބަދަލެއް ނެތުމަކީ ބައެއް ފަހަރު ނަތީޖާ ނެރެން އުނދަގޫ ވާ ކަމެއް ކަމަށްވެސް ނިޒާމްބެ ފާހަގަކުރިއެވެ.
ޓީސީއާ ދެކޮޅަށް ނުކުންނަ މެޗާ ގުޅިގެން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު، އިހުސާން އަބްދުލް ޣަނީ (ސާންތި) ފާހަގަކޮށްފައި ވަނީ ޓީމަށް މެޗު މުހިއްމުވުމުގެ އިތުރުން ޔޫވީއަށް ސާންތި ގެންނަން މަސައްކަތް ކުރާ ބަދަލުތަކެވެ. ޚާއްސަކޮށް ޓީމު އޯގަނައިޒްކޮށް، ޓީމުގެ ރަނގަޅު ސްޓްރަކްޗާއެއް ބިނާ ކުރުމަށް ސާންތި ކުރަމުން އަންނަ މަސައްކަތް އޭނާ ވަނީ ފާހަގަކޮށްފައެވެ.
"ފާހަގަކުރަން މީގެ ކުރިން އަޅުގަނޑާއި އާދަމް އަބްދުއްލަތީފް (ލައްޗޭ)އާ ދަނޑުމަތީގައި މި ތިބެނީ. އެކަމަކު މިހާރު އަޅުގަނޑާ އެކު އެސިސްޓްކުރަން ދަނޑުމަތީގަ އުޅޭނެ ޒަރިޔަންދު ނުލައި ހަތަރު މީހުން. މި އަންނަނީ މަޑުމަޑުން މި ކަހަލަ ކަންތައް ޗޭންޖް ކުރަމުން. އެއީ އަޅުގަނޑުމެން ވެސް މިހާރު ތަންކޮޅެއް އޮގަނައިޒްވާނެ. އޮގަނައިޒްއޭ މި ބުނަނީ ކޮންމެ މީހަކަށް ޒިންމާއެއް އޮންނާނެ. ފުޓްބޯޅަ ކްލަބެއްގައި ނަތީޖާއެއް ނެރެވޭނީ ބައިވަރު ކަންތައް ރަނގަޅުކޮށްގެން," ސާންތި ފާހަގަކުރިއެވެ.
ސާންތިއަކީ ކުރިން ކްލަބު އީގަލްސްއާއެކު ކާމިޔާބު މަސައްކަތްތަކެއް ކޮށް، އެންމެ ދަށުން ފެށިގެން ތަށްޓަކާ ހަމައަށް އެ ކްލަބު ގެންގޮސް ދިނުމުގައި މުހިއްމު މަސައްކަތްތަކެއް ކުރި ކޯޗެވެ. ސާންތި ފާހަގަކޮށްފައި ވަނީ ބަދަލުތައް ގެނެސް ޔޫވީގެ ވާހަކަވެސް މީހުން ދައްކާވަރު ކޮށްލަ ދޭނެ ކަމަށެވެ.
ޔޫވީން ޓީސީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު