ޅ. ނައިފަރުން 161 މީހަކާއި އެ އަތޮޅު ފެލިވަރުން 253 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނައިފަރުން އިތުރު 20 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 161 އަށް އަރައިފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ފެލިވަރުން އިތުރު އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ފެލިވަރުން ޕޮޒިޓިވްވި އަދަދު ވަނީ 253 އަށް އަރައިފައެވެ.

ނައިފަރާއި ފެލިވަރުގެ އިތުރުން ހިންނަވަރުންވެސް ވަނީ ކޮވިޑް ކޭސްރަކެއް ފެނިފައެވެ. އެރަށުން މިހާތަނަށް ޖުމްލަ 19 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެ އަތޮޅު ކުރެންދޫން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް އިއްޔެ ގެނެސްފައެވެ.

ނައިފަރުން ކޮވިޑް ކޭސްތަކެއް ފެނިގެން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މިދިޔަ ހޮނިހިރު ދުވަހު ހިންނަވަރު މޮނީޓަރިންގެ ހާލަތަށް ގެނައި އިރު، އޮޅުވެލިފުށިން ކޭސްއެއް ފެނި މޮނީޓަރިންއަށް ގެނެސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ޅ. ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ.