މާލެއިން ފުރައިގެން ތ. ގުރައިދު އަށް ދަތުރުކުރި އުފުލިއެއް ބަންޑުން ޖަހާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން، ގުރައިދޫ އަށް ތިން މީހުންނާއެކު ދަތުރުކުރި "ޝަފުރާޒް" ނަމަކަށް ކިޔާ އުފުލި ބަންޑުން ޖަހާލައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 1:13ގައި ކަމަށްވެސް ބުންޏެވެ.
މި އުފުލި އެހެން އުޅަނދެއްގައި ކަފު ޖަހައި ގުރައިދޫ އަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގައި ތިބި ތިން މީހުން އެ ސަރަހައްދުން ދަތުރު ކުރި ދޯންޏަކަށް ނަގައި އެ އަތޮޅު ދިޔަމިގިލީ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މި އުފުލީގައި ހުރީ ފެނަކަ ކޯޕަރޭޝަނުން ގުރައިދުއަށް ގެންދިޔަ ކޮންސްޓްރަކްޝަން ސާމާނު ކަމަށާއި މީގެ ތެރޭގައި ފެން މައްޗަށް އަރާ އެއްޗެއް ނެތް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑު ގަދަ ދުވަސް ވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާގުޅޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު